April 24, 2026
Advertisement
.
. / ރައީސް އޮފިސް

ރަސްމާލެ ހިއްކަން ފެށިތާ ދެ އަހަރު ފަހުން 50 އިންސައްތަ ހިއްކައިފި

Yana Shareef
ޔާނާ ޝަރީފް
Apr 23, 2026, 11:11 PM

ރަސްމާލެ މަޝްރޫއަކީ އަށް މަސް ތެރޭގައި ނިންމާނެ ކަމަށް ބުނެ ރައްޔިތުންނަށް ދެއްކި "ހުވަފެނެއް" ނަމަވެސް، ދެ އަހަރާއި ހަތަރު މަސް ފާއިތުވެގެން ދިޔައިރުވެސް ހިއްކާ ނިމުނީ އެންމެ 50 އިންސައްތަ ބިން ކަން ހާމަވެއްޖެއެވެ. 

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވަނީ، ބޭރުގެ ހަނގުރާމަތަކާއި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ބަހަނާ ދައްކަވައި، މި މަޝްރޫއުގެ ދުވެލި އިތުރަށް މަޑުޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. 

Advertisement

މަޝްރޫއުގެ މިހާތަނަށް ހިއްކިފައިވަނީ 504 ހެކްޓަރު ކަމަށް ސަރުކާރުން ބުނާއިރު، ފުރަތަމަ އިއުލާންކުރި ސައިޒަށް ބަލާނަމަ ދެބައިކުޅަ އެއްބައިވެސް ހިއްކާ ނުނިމެއެވެ. ނަމަވެސް ސަރުކާރުން ދަނީ ފަހުން ފަހުން އައިސް ހިއްކާ ސަރަހައްދުގެ ޗާޓުތަކަށް އެކި ބަދަލުތައް ގެނެސް، ހިިއްކިފައިވާ މިންވަރު އިތުރުކޮށް ދެއްކުމަށް "އަދަދުތަކާ ކުޅެމުން" ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އެމްއޭސީއެލް މެދުވެރިކޮށް ބޮޑު އަގުގައި ޑްރެޖަރުތައް ގެނެސްގެން މަސައްކަތް ބާރުކުރަން އުޅުނު ނަމަވެސް، މިހާރު މި ފެންނަނީ މަޝްރޫއު އެއްކޮށް ހުއްޓިދާނެ ފަދަ ނިޝާންތަކެކެވެ.

އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، ގޯތި ލިބޭ މީހުން ކަނޑައަޅާނެ ވަކި ތާރީހެއް ބުނަން މިނިސްޓަރަށް ކެރިވަޑައިނުގެންނެވި އިރު، "ނުހިއްކާ ތަނަކުން ގޯތި ނުދޭނެ" ކަމަށް ވިދާޅުވެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރެއްވުމެވެ. އަންނަ މަހުގެ ނިޔަލަށް ބޯހިޔާވަހިކަމަށް އެދޭ ފޯމުތައް ބަލައިގަނެ ނިމޭއިރު، ބިން ހިއްކާ ނުނިމޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. މިއީ ތަރުތީބެއް ނެތި، އެއްވެސް ޕްލޭނެއް ނެތި ހިންގަމުންދާ މަޝްރޫއެއްކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުން ވަނީ ހާމަވެގެން ގޮސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved