

ފުށިދިއްގަރުފަޅުގައި ހިއްކާ ރަސްމާލެ އާއި މާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލުމުގެ ބިޔަ މަޝްރޫއުގެ ފަންނީ އަދި އިނޮވޭޓިވް މަސައްކަތް ފެށިފައިވާ ކަމާއި ގާބިލް ކުންފުނިތަކާ އެކީގައި ފީސިބިލިޓީ ހެދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހެއްދެވީ އިތުރުފުޅެއްކަން ހާމަވެއްޖެއެވެ.
ރަސްމާލެ އާއި މާލެ އާއި ގުޅާލާ އަންޑަރވޯޓަރ ޓަނަލްގެ ވާހަކައަކީ އަކީ 2024، ޖެނުއަރީ 22 ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވި ވާހަކަފުޅެކެވެ. ހަމަ އެ ދުވަހު އެމަނިކުފާނު ވަނީ ފީސިބިލިޓީ ހެދުމުގެ މަސައްކަތް ކުންފުނިތަކާއެކު ކުރަމުންދާކަމަށްވެސް ވިދާޅުވެފައެވެ.
އޭގެ އެއް އަހަރާ ފަސް މަހުން އެކަމުގެ ތަފްސީލު ހޯދަން ގާނޫނީ ވަކީލު އަހުމަދު މައުރޫފު ވަނީ އިންފްރާކްސްޓްރަކްޗަރ މިނިސްޓްރީއަށް ހުށަހަޅާފައެވެ. މައުރޫފު ހުށަހެޅުއްވީ، މާލެ-ރަސްމާލެ ޓަނަލްގެ ފީސިބިލިޓީ ހަދަން ހަވާލުކޮށްފައިވަނީ ކޮން ކުންފުންޏަކާތޯ އޮޅުންފިލުވުމަށް އެދިވަޑައިގެންނެވެ. އެ ސިޓީގެ ޖަވާބުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީއިން ލިޔުމުން ދެއްވި ޖަވާބުގައި ވަނީ، ޓަނަލްއާ ގުޅޭ ޑެސްކް ސްޓަޑީގެ މަސައްކަތާއި، ޑީޓެއިލް އެސެސްމަންޓު އަދި ފީސިބިލިޓީ ރިޕޯޓް ހެދުމަށް ކޮންސަލްޓެންޓެއް ހޯދަން ބޭނުންވާ ރިކުއާމެންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މަޝްވަރާ ކުރެވެމުން ދަނީ މިނިސްޓްރީއާއެކު އެކި މަޝްރޫއުތަކުގައި މަސައްކަތްކުރައްވާ ކޮންސަލްޓެންޓުންނާއެކު ކަމަށާ ވަކި ކުންފުންޏަކާއި މަސައްކަތް ހަވާލުކުރެވިފައި އަދި ނުވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން ރަސްމާލެ އާއި މާލެ އާއި ގުޅާލާ އަންޑަރވޯޓަރ ޓަނަލްގެ ފީސިބިލިޓީ ހެދުމުގެ މަސައްކަތް ކުންފުނިތަކާއެކު ކުރަމުންދާކަމަށް ވިދާޅުވެ ރައީސް މުއިއްޒު 2024، ޖެނުއަރީ 22 ވަނަ ދުވަހު ހެއްދެވީ އިތުރުފުޅެއްކަން މިވަނީ ހާމަވެފައެވެ.
ރަސްމާލެ އާއި މާލެ އާއި ގުޅާލާ އަންޑަރވޯޓަރ ޓަނަލްގެ ވައުދަކީ ރައީސް މުއިއްޒުގެ ތަސައްވުރެއްގެ ގޮތުގައި ދެއްކުމަށް ސަރުކާރުން ފަހުން މަސައްކަތްކޮށްފައިވެސް ވެއެވެ.
ކަންމިހެން ހުރިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ދިވެހި ރައްޔިތުންނާއި ދެމެދު އޮތް އެންމެ އުނދަގޫ އެއް ފާރަކީ އެމަނިކުފާނުގެ ކިބައިގައި އަށަގަނެފައިވާ ދޮގު ހެދުން ނުވަތަ އިތުރުފުޅު ހެއްދެވުމުގެ އާދަކަން ފާހަގަކޮށްލެވެއެވެ.