
ހެޔޮ ބަސް އަހާ ހެޔޮ ބަސް ގަބޫލުކުރާ ވެރިއެއްގެ ގޮތުގައި އަބަދުވެސް ދެމިހުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ.
މިފަދައިން ގޮވާލައްވާފައިވަނީ ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނު މިފަދައިން ގޮވާލެއްވީ، ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު އަބަދުވެސް ވިދާޅުވާ ބަސްފުޅެއް އޮންނަ ކަމަށާ އެގޮތުން އެމަނިކުފާނު، ހެޔޮ ބަސް އަހާ ހެޔޮ ބަސް ގަބޫލުކުރާ ބަޔަކަށްވުމަށް ރައްޔިތުން ވުމަށް އެދިވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ އަމިއްލަ ނަފްސަށްވެސް އެ ނަސޭހަތް ދޭން ޖެހޭ ކަމަށެވެ.
އެގޮތުން އެޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުން ރައްޔިތުން ދިން ނަތީޖާއިން ކަންކަން ބައްޓަން ކުރަންވީ ގޮތް ރައީސް މުއިއްޒަށް މިހާރު ލަފާކުރެވެން ވާނެ ކަމަށާ އެގޮތުން ކުރިން ވެސް ހެޔޮ ބަސް އަހާ ހެޔޮބަސް ގަބޫލުކުރާ ވެރިއެއްގެ ގޮތުގައި ހުންނެވިކަމަށް ވިދާޅުވާއިރު މިހާރު އަދި އަމުދުން ރައްޔިތުންގެ ބަސް ގަބޫލުކޮށް ރައްޔިތުންނަށް މަންފާވާ ގޮތަށް ވެރިކަން ކުރުމުގެ މުހިއްމުކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވަން ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން ރައީސް މުއިއްޒު ރައްޔިތުންގެ މަސްލަހަތު އިސްކޮށް ހަގީގަތް ގަބޫލުކުރާ ރައީސަކަށް ވުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވާފައެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އަޑު ކަނޑުވާނުލެވޭނެ ކަމަށާ އެހެންކަމުން ބުއްދިވެރި ލީޑަރަކީ ރައްޔިތުންނާ އެކު ނުކުމެ ގައުމު ކުރިއަށް ނެރޭ މީހާ ކަމަށެވެ.










