April 30, 2026
Advertisement
-
- / ތޭރަ އޮންލައިން

ހުޅުމާލެ ފޭސް ދޭއް އަނދިރީގައި: ސަރުކާރާއި ސްޓެލްކޯގެ އިހުމާލުން ރައްޔިތުން ގަނަތެޅެނީ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 27, 2026, 01:28 PM
މާލެ ސިޓީ

ހުޅުމާލެ ފޭސް 2 އަކީ މިއަދު އެތައް ހާސް ރައްޔިތުންނެއް ދިރިއުޅެމުންދާ އާބާދީ ބޮޑު ސަރަހައްދެކެވެ. ކޮންމެ ފްލެޓެއްގައި އެތައް ސަތޭކަ ބަޔަކު ދިރިއުޅެމުންދާއިރު، މި ސަރަހައްދުން ގިނަގިނައިން ކަރަންޓް ކެނޑުމުގެ މައްސަލައަކީ މިއަދު އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.

Advertisement

25 ބުރީގެ އުސް އިމާރާތްތަކުގައި މީހުން ދިރިއުޅެމުންދާއިރު، ކަރަންޓް ކެނޑުމާއެކު ލިފްޓުގެ ހިދުމަތް މެދުކެނޑި، މަތީ ބުރިތަކަށް އަރާ ފޭބުމަށް ވަނީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން، އަވީގައި ކަރަންޓް އަންނަންދެން މަގުމަތީގައި މަޑުކުރަން ޖެހުމަކީ ހިތާމަވެރި މަންޒަރެކެވެ. ހަމައެއާއެކު، ސްކޫލް ނިންމާފައި އަންނަ ކުޑަކުދިން ބަރު ދަބަސްތަކާއެކު ގެއަށް ނުވަދެވި، ސިޑިބަރިތަކާއި މަގުމަތީގައި ގިނަ އިރުތަކެއް ވަންދެން މަޑުކުރަން ޖެހެއެވެ.

މިފަހުންވެސް ފޭސް 2 ގެ ބޮޑު ސަރަހައްދަކުން މެންދުރުން ފެށިގެން އަށް ގަޑިއިރަށްވުރެ ގިނަ އިރު ކަރަންޓާ ނުލާ ހޭދަކުރަން ޖެހުނެވެ. އަދި އެކަން ހައްލުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާވެސް މިވަނީ ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވެފައެވެ. މިގޮތަށް ގިނަގިނައިން ކަރަންޓް ކެނޑުމުގެ ސަބަބުން، ގޭގޭގައި ބޭނުންކުރާ އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވަމުންދާ ކަމުގެ ޝަކުވާތައް އަންނަނީ އިތުރުވަމުންނެވެ.

ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު ސްޓެލްކޯއިން ސޯޝަލް މީޑިއާގައި "މޮޅު" ޕޯސްޓެއް ޖަހާލުމަކުން މި މައްސަލައަށް ހައްލެއް ނުލިބެއެވެ. ސްޓެލްކޯއިން އަބަދުވެސް ބުނަމުންދަނީ ފޭސް 2 ގެ ނެޓްވޯކަކީ އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ އެއްޗެއް ކަމަށެވެ. މިއީ ސްޓެލްކޯއިން ޒިންމާއިން ރެކުމުގެ ގޮތުން ދައްކާ ބަހަނާއެކެވެ. ކޮންމެ ފަހަރަކު ކޮންމެވެސް ކުންފުންޏަކުން މަގު ކޮންނަނިކޮށް ކޭބަލެއް ބުރިވީއޭ ބުނެ ނިންމާލެވޭކަށް ނެތެވެ. މަގުތަކުގައި މަސައްކަތްކުރާ ފަރާތްތައް މިއަށްވުރެ ޒިންމާދާރު ކުރުވުމަށް ފިޔަވަޅު ނޭޅެނީ ކީއްވެގެންތޯއެވެ؟ ކޮންމެ ފަހަރަކު ކޭބަލް މަރާމާތުކުރުމަށް ސްޓެލްކޯއިން ކުރާ ބޮޑު ހޭދައަކީވެސް ހަމަ ރައްޔިތުންގެ ފައިސާއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ އެއްވެސް މަސައްކަތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އިރުއިރުކޮޅާ ކަރަންޓް ކެނޑުމުގެ ސަބަބުން ކަރަންޓް ބިލު ބޮޑުވެ، އޭގެ ބުރަ އުފުލަން ޖެހެނީ އާންމު ރައްޔިތުންގެ ޖީބުންނެވެ. ރައްޔިތުން ބޭނުންވަނީ ހަމައެކަނި މާފަށް އެދިލާ ޕޯސްޓެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ މި ތަކުލީފުތަކަށް ދާއިމީ ހައްލެކެވެ. ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން މިއަށްވުރެ ޒިންމާދާރުކަމާއެކު މިކަމާ ކުރިމަތިލާން ޖެހެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved