
އެއްވެސް އެންގުމެއް ނެތި ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓްތަކުން މިއަދު މެންދުރުން ފެށިގެން ކަރަންޓް ކެނޑި، ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިއްޖެއެވެ.
މިއަދު މެންދުރުގެ ކުރިންވެސް ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑެމުން ގޮސްފައިވާއިރު، މެންދުރުން ފެށިގެން މުޅި ފޭސް 2 އިން ކަހަލަ ގޮތަކަށް ވަނީ ކަރަންޓް ކެނޑިފައެވެ. މިކަމާ ގުޅިގެން ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ބުނަނީ، ކަރަންޓް ކެނޑޭނެ ކަމުގެ އެއްވެސް މައުލޫމާތެއް ކުރިއާލާ ސްޓެލްކޯގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ. އަދި ކަރަންޓް އަނބުރާ ލިބޭނެ އިރެއް ނޭނގި، "ވާނުވާ" އެއްގައި ތިބެންޖެހުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އާންމުން ފާހަގަކުރެއެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ސްޓެލްކޯއަށް "ތޭރައޮންލައިން" އިން ތަކުރާރުކޮށް ގުޅުމުންވެސް އެ ކުންފުނީގެ ފަރާތުން މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. މިއީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތަކަށް މި ސަރުކާރުން އިހުމާލުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މި ދުވަސްވަރަކީ އިހުސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތި ދުވަސްވަރަކަށް ވާއިރު، ފަސް ހަ ގަޑިއިރު ވަންދެން ކަރަންޓާ ނުލައި ގޭގައި ތިބެންޖެހުމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ވަނީ ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ އިތުރުން ކަރަންޓުން ބޭނުންކުރާ ގެންގުޅޭ ސާމާނުތައް ބޭނުން ނުކުރެވި، އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
"މިއީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކާ ޚިލާފުވުން. ކަރަންޓް ކެނޑޭނަމަ އެކަން ކުރިއާލާ އަންގަންޖެހޭނެ. ވާނުވާ ރައްޔިތުންނަށް ނާންގާ މިގޮތަށް ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ހިޔާ ފްލެޓެއްގައި ދިރިއުޅޭ ރައްޔިތަކު ބުންޏެވެ.
މި ސަރުކާރު އައިފަހުން އަސާސީ ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، ރައްޔިތުން މިފަދަ ބޮޑެތި ތަކުލީފުތައް އުފުލަން ޖެހުމަކީ މިހާރު އާންމު ކަމަކަށް ވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ނުރުހުން ފާޅުކުރަމުންނެވެ.









