
ނިމިދިޔަ ރަމަޟާން މަހު ސަރުކާރުން ދިން ޚާއްޞަ ޑިސްކައުންޓަށް ފަހު، ފެނަކަ ކޯޕަރޭޝަނުން އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވި ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވެފައިވާތީ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ފެންމަތިވެއްޖެއެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ބިލުތަކުގެ ސްކްރީންޝޮޓްތައް ހިއްސާކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ސިޔާސަތުގެ ދަށުން، ނިމިދިޔަ ރޯދަމަހު ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލަށް އެންމެ ބޮޑުވެގެން އަރާނީ 400 ރުފިޔާ ކަމަށް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ވެމްކޯގެ 150 ރުފިޔާގެ ފީވެސް ސަރުކާރުން ވަނީ ދައްކައިދީފައެވެ. ނަމަވެސް، މި ލުއިތަކަށް ފަހު ދެން އައި ބިލުތައް ބައެއް ގޭބީސީތަކަށް ކުރިއާ އަޅާބަލާއިރު ދެގުނަ ނުވަތަ ތިންގުނަ ބޮޑުވެފައިވާ ކަމަށް އާންމުން ބުނެއެވެ.
ސޯޝަލް މީޑިއާގައި ޝަކުވާ ކުރި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، އާންމުކޮށް ކަރަންޓް ބިލަށް އަރަނީ 1600ރ އާއި 1700ރ ދެމެދު ކަމަށާއި ރޯދަ މަހު ލިބުނު ޑިސްކައުންޓަށް ފަހު ދެން އައި މަހުގެ ބިލަށް 2،750.54 ރުފިޔާ އަރާފައިވާ ކަމަށެވެ. ޑިސްކައުންޓަށް ދިން 400ރ ގެ ބަދަލަށް 7 ގުނަ އިތުރުކުރުމުން އެ ފަރާތުން ވަނީ މުއިއްޒަށް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން، މީގެ ކުރިން 1,000 ރުފިޔާ ވެސް ނާރާ ގޭބީސީތަކަށް މިފަހަރު 3,000 ރުފިޔާއަށް ވުރެ މަތިން ވަނީ ބިލު އައިސްފައެވެ. މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، މިއީ އިންތިޚާބާ ގުޅިގެން ސަރުކާރުން ރައްޔިތުންގެ ކިބައިން ހިފާ ބަދަލެކެވެ. "އިންތިޚާބުން ބަލިވީމަ އޭގެ ރޯޅި ތައްޔިތުންނަށް މި ބާލަނީ،" ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ކަރަންޓު ބިލުތައް ބޮޑުވާ މައްސަލާގައި މީގެ ކުރިން ކުންފުނިތަކުން ބުނެފައިވަނީ، އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވުމުން އޭސީ އާއި ފަންކާ ބޭނުންކުރާ މިންވަރު އިތުރުވެ، ކަރަންޓު ބޭނުންކުރާ މިންވަރު މަތިވަނީ ކަމަށެވެ. މެޓް އޮފީހުން ވެސް ވަނީ މި ދުވަސްވަރަކީ އިހުސާސްކުރެވޭ ހޫނުމިން މަތި ދުވަސްވަރެއްކަން ފާހަގަކޮށްފައެވެ.
ނަމަވެސް، އާންމުން ގަބޫލުކުރާ ގޮތުގައި ބިލުތަކަށް މިހާ ބޮޑު ބަދަލެއް އައީ ހަމައެކަނި ހޫނުވުމުގެ ސަބަބަކުން ނޫނެވެ. ރޯދަމަހު ދިން ޑިސްކައުންޓުގެ ބަދަލު މިފަހަރުގެ ބިލުތަކުން ހޯދަމުންދާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން މި ޝަކުވާ އުފުލަމުންދާއިރު، މާލެ ސަރަހައްދަށް ކަރަންޓު ދޭ ސްޓެލްކޯއިން އަދި ރޯދަ މަހަށް ފަހުގެ ބިލުތައް ފޮނުވާފައެއް ނުވެއެވެ.










