
އީރާނުގެ ސުލްހައިގެ މަޝްވަރާތަކަށް ޕާކިސްތާނަށް ފުރަން ހަމަޖެހިފައި އޮތް އެމެރިކާގެ ވަފްދުގެ ހިމެނޭ ބޭފުޅުން ކަމަށްވާ ޖެރެޑް ކުޝްނާ އާއި ސްޓީވް ވިޓްކޯފްގެ ދަތުރު ކެންސަލް ކޮށްފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކޮށްފިއެވެ.
އީރާނާއި އެމެރިކާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާއަށް މިއަދު އެމެރިކާގެ ވަފްދެއް ޕާކިސްތާނަށް ދާ ގޮތަށް ކުރިން އޮތީ ހަމަޖެހިފައެވެ. އަދި އީރާނުގެ ވަފްދެއް ޕާކިސްތާނަށް ވަޑައިގަތުމަށްފަހު، އެ ގައުމުގެ ބޮޑުވަޒީރާއި މަޝްވަރާ ކުރެއްވުމަށްފަހު ވަނީ ފުރާވަޑައިގެންފައެވެ.
ފަހުން ޓްރަމްޕް ވަނީ އެމެރިކާއިން ޕާކިސްތާނަށް ކުރަން އޮތް ދަތުރު ކެންސަލް ކޮށްފައިވާ ކަމަށް ބުނެފައެވެ.
"އެކްސިއޯސް" އަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، އެމެރިކާގެ ވަފްދުގެ ދަތުރުފުޅު ކެންސަލް ކުރުމުގެ މާނައަކީ އެމެރިކާ އިން އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށަނީ ނޫން ކަަމަށެވެ.
އެކަމާ އަދި ނުވިސްނާ ކަަމަށް ޓްރަމްޕް ބުނެފައި ވެއެވެ.
އަދި އީރާނުން މަޝްވަރާ ކުރަން ބޭނުންވާ ކޮންމެ ވަގުތެއްގައި އެމެރިކާއިން ތައްޔާރަށް ތިބޭނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
އިތުރަށް އެކަމާ ވާހަކަަދައްކަމުން ޓްރަމްޕް އޭނާގެ މީސް މީޑިއާ މަންސަ ޓްރޫތްގައި ބުނީ "އީރާނުގެ ވަފްދާ ބައްދަލު ކުރުމަށް ޕާކިސްތާނުގެ އިސްލާމްއާބާދަށް ދާން ތައްޔާރަށް އޮތް އެމެރިކާގެ ވަފްދުގެ ދަތުރު ކެންސަލް ކޮށްފައިވާ ވަނީ ދަތުރު ކުރުމުގައި ވަރަށް ގިނަ ވަގުތު ބޭކާރު ވެ، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ވުމުން ކަމަށެވެ.










