
އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބައިވެރިވި ހަފްލާއެއްގައި ބަޑީގެ ހަމަލާއެއް ދީފިއެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ހަމަލާދީފައިވަނީ ވޮޝިންޓަން ޑީސީގައި ބޭއްވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ" އަކަށެވެ. ރޭ ބޭއްވި މި ހަފްލާގައި ޓްރަމްޕްއާއި ފަސްޓް ލޭޑީގެ އިތުރުން އެމެރިކާގެ ސަރުކާރުގެ އިސްވެރިން ބައިވެރިވިއެވެ.
މި ހަފްލާގެ ތެރެއިން ބަޑީގެ ހަމަލާ ދީފައިވަނީ ބޯލްރޫމް ބޭރުގައި ހުރި ސެކިއުރިޓީ ސްކްރީނިން ސަރަހައްދުގައެވެ. އެގޮތުން ސެކިއުރިޓީ ފޫއެޅުވުމަށް މަސައްކަތްކޮށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
މި ހަމަލާދޭން ފެށުމާއެކު، ޓްރަމްޕުގެ ހަށިފާރަވެރިން ވަނީ އޭނާއާއި ފަސްޓްލޭޑީ ސަލާމަތުން އެ ސަރަހައްދުން ބޭރަށް ގެންގޮސްފައެވެ. އަދި ހަމަލާދިން މީހާ ވަނީ ވަގުތުން ހައްޔަރުކޮށްފައެވެ.
ހަމަލާގައި ޓްރަމްޕުގެ ހަށިފާރަވެރިއެއްގެ ގަޔަށް ވަޒަނެއް އެރި ނަމަވެސް އޭނާ ހުރީ ވެސްޓް އަޅައިގެން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
ހަމަލާއާއި ގުޅިގެން އޭނާ ހައްޔަރުކޮށް، ތަހުގީގެއް ފަށާފައިވީނަމަވެސް ހަމަލާގެ މަގުސަދަކީ ކޮބައިކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
ޓްރަމްޕް ބައިވެރި ހަފްލާއެއްގައި ބަޑީގެ ހަމަލާދީފައިވާއިރު، މިއީ އޭނާ ބައިވެރިވި ހަފްލާއެއްގައި ހަމަލާދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ތެރޭގައި ވެސް އޭނާ ބައިވެރި ކެމްޕޭނު ހަރަކާތެއްގެ ތެރެއިން ވެސް ސީދާ ޓްރަމްޕަށް ވަނީ ހަމަލާދީފައެވެ. އެ ހަމަލާގައި އޭނާގެ ކަންފަތަށް ވަނީ އަނިޔާވެފައެވެ.










