ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ފޮށި ބަހައްޓާނީ ބޭރު 3 ޤައުމެއްގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިމަހު 17 ވަނަ ދުވަހު ބާއްވަން ކުރިން ހަމަޖެހިފައި އޮތް މަޖިލިސް އިންތިހާބު އަންނަމަހުގެ 21 ވަނަ ދުވަހަށް ފަސްކުރިއިރު، އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ވޯޓް ފޮށި ބެހެއްޓުމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމާއި ގުޅިގެން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަން ކޮމިޝަނުން އަލުން ހުޅުވާލުމުން ބޭރުގައި ބަހައްޓާ ފޮށީގެ އަދަދު ވަނީ އިތުރުވެފައެެވެ.
އިލެކްޝަންސް ކޮމިޝަންސްގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ފޮށި ބަހައްޓާނެ ގައުމުތައް ކަނޑައެޅީ ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރީރަޖިސްޓްރީވި މީހުންގެ ނިސްބަތަށް ބެލުމަށްފަހުކަމަށެވެ.
އެގޮތުން މަޖިލިސް އިންތިހާބުގައި ވޯޓްލުމަށް ފޮށި ބަހައްޓާނީ އިންޑިއާގެ ޓްރިވެންޑްރަމްއާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަލަމްޕޫރުގައިކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބޭރު ޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީ ކުރުމުންކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަނާއި ޔޫއޭއީގެ އަބޫ ދާބީގެ އިތުރުން ތައިލެންޑުގައި ވޯޓުލުމަށް ބައެއް މީހުން ރީ-ރަޖިސްޓްރީވިނަމަވެސް ވޯޓު ފޮށި ބެހެއްޓޭ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
ރިސޯޓްތަކުގައި ބަހައްޓާ ފޮށިތަކަށް އަލިއަޅުއްވާލައްވަމުން ޒަކަރިއްޔާ ވިދާޅުވީ ރިސޯޓްތަކުގައި ވޮޓު ފޮށި ބަހައްޓަނީ އެ ރިސޯޓެއްގައި ވޯޓްލުމަށް މަދުވެގެން 30 މީހުން ރީ- ރަޖިސްޓްރީވުމުންނެވެ. އެގޮތުން މިފަހަރުގެ މަޖިލިސް އިންތިހާބުގައި 34 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެކަމަށާއި މިއީ އިންތިހާބު ފަސްކުރުމުގެ ކުރިން ފޮށި ބަހައްޓަން ނިންމާފައިވާ ރިސޯޓްތަކުގެ އަދަދާއި އަޅާބަލާއިރު 7 ރިސޯޓްގެ އިތުރުވުމެކެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 600 އެއްހާ ފޮށި އެކި ސަރައްހަދުތަކުގައި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ކޮންމެ ފޮއްޓަކަށް ވޯޓްލާނީ ގިނަވެގެން 600 އެއްހާ މީހުންކަމަށްވެސް އިލެކްޝަން ކޮމިޝަނުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.