April 30, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އުމުރު ދުވަހު ޖަލުގައި ބޭއްވިޔަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 29, 2026, 08:38 PM
މާލެ ސިޓީ

"އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް މަސްދަރު ހާމަނުކުރާނެ ކަމަށާއި، އެކަމުގައި ހަނު ހުންނެވީ ރައްޔިތުންގެ ހައްގުގައި ކަމަށް އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

Advertisement

މި މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް މިއަދު ހެންވޭރުގައި ހުންނަ އާދަމް ހަލީމް ބިލްޑިންގަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ފިޔާޒު ވިދާޅުވީ، އޭނާ ނުވަތަ ނޫހުގެ އެހެން ނޫސްވެރިއަކު ޖަލަށްލީ ނަމަވެސް، މައުލޫމާތު ދިން މަސްދަރު ހާމަނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ނޫސްވެރިންނަށް މައުލޫމާތުދޭ ފަރާތްތަކުގެ ސިއްރު ހިފެހެއްޓުމަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައަކީ "އައިޝާ" ޑޮކިއުމެންޓްރީ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގަޒުފުކޮށްފައިވާ ކަމަށް ބުނެ، ސަރުކާރުން އަންގައިގެން ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގެކެވެ. މި ތަހުގީގާ ގުޅިގެން ފިޔާޒާއި އަދަދު ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވަނީ ޖިނާއީ ފަސް ތުހުމަތެއް ކޮށްފައެވެ. އޭގެ ތެރޭގައި ގަޛްފުގެ ކުށާއި، ކުށެއް ކުރުމަށް ރޭވުމާއި، އެކަމަށް އެދުމުގެ އިތުރުން ބައިވެރިވުމުގެ ތުހުމަތު ހިމެނެއެވެ.

މި ތަހުގީގު ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޑޮކިއުމެންޓްރީގައިވާ ވާހަކަތައް ރައީސް މުއިއްޒު ދޮގުކުރައްވައި، އެ މައްސަލައިގައި ދައުވާކުރައްވާނެ ކަމަށް ވިދާޅުވި ފަހުންނެވެ. އެއަށްފަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ ބައެއް ތަކެތި ގެންގޮސް، ފިޔާޒާއި ހަސަންގެ ޕާސްޕޯޓުވެސް ހިފަހައްޓާފައެވެ.

މި މައްސަލައިގައި މިއަދު ފުލުހަށް ހާޒިރުކުރި ހަސަން މުހައްމަދުވެސް ވަނީ ހަނުހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. މީގެ އިތުރުން، ކުރިން ރައީސް އޮފީހުގައި މަސައްކަތްކުރި އީޝާ އަޝްރަފްގެ ޕާސްޕޯޓުވެސް މި މައްސަލައާ ގުޅިގެން މިހާރު ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved