
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކުގެ ތެރެއިން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ "ސްޓްރެއިޓް އޮފް ހޯރްމޫޒް" ނުވަތަ ހޯރްމޫޒް ކަނޑުއޮޅީގެ ނަން "ސްޓްރެއިޓް އޮފް ޓްރަމްޕް" އަށް ބަދަލުކޮށްފައިވާ ޗާޓެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފިއެވެ.
މި މެޕް ޓްރަމްޕް އާންމުކުރައްވާފައިވަނީ އީރާނުގެ އިގްތިސާދު އިނދަޖެހި، އެމެރިކާގެ ކުރިމަތީގައި އެ ގައުމުން ކަކޫޖަހަން ޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކުރުންތަކުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ އެމެރިކާގެ ޝަރުތުތަކަށް ބޯލަނބައި އާދޭސްކުރުމެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި، ކަނޑުއޮޅީގެ ނަން އަމިއްލަފުޅު ނަމަށް ބަދަލުކުރައްވައި ޓްރަމްޕް ކުރެއްވި މި އަމަލަކީ އެ ސަރަހައްދުގައި އެމެރިކާގެ ބާރު އޮތް މިންވަރު ދެއްކުމަށާއި، އީރާނަށް ނަފްސާނީ ގޮތުން ނުފޫޒު ފޯރުވުމަށް ކުރެއްވި ކަމެކެވެ. ޓްރަމްޕްގެ ވާހަކަފުޅުގައި ބާރުއަޅުއްވާފައިވަނީ އޭނާގެ ސިޔާސަތުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދީ ބާރު މިހާރު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށެވެ.
ބައިނަލްއަގުވާމީ މައިދާނުގައި މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޓްރަމްޕަށް ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވިފައިވާ ޖިއޮގްރަފީ ނަންތަކަށް ބަދަލު ގެންނަވައި، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި މެޕްތައް ބޭނުންކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.










