May 1, 2026
Advertisement
-
- / ތޭރަ އޮންލައިން

މަސައްކަތްތެރިންގެ ދުވަސް: ވަޒީފާގެ ބާޒާރުގައި ހުރި ގޮންޖެހުންތަކާއި ސިޔާސީ ނުފޫޒުގެ ކަންބޮޑުވުން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
May 1, 2026, 08:33 PM
މާލެ ސިޓީ

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ބޮޑެތި ގޮންޖެހުންތަކާއި މަސައްކަތްތެރިންނަށް ކުރިމަތިވަމުންދާ ބޭއިންސާފު ކަންތައްތަކުގެ ޝަކުވާ ވަނީ އިތުރުވެފައެވެ. ވަޒީފާގެ މާހައުލުގައި ހަމަހަމަކަން ގެއްލި، ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

ރާއްޖޭގައި މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، އެތައް އަހަރެއް ވަންދެން ބުރަ މަސައްކަތުން މަތީ ތައުލީމު ހާސިލުކޮށްގެން ނުކުންނަ ދަރިވަރުންނަށް އެ ކުދިން ކިޔެވި ދާއިރާއިން ވަޒީފާ ނުލިބުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. މީގެ ބަދަލުގައި، ސަރުކާރުން ސިޔާސީ ނަހަމަ ގޮތުގައި ވަޒީފާތައް ބަހަމުންދާ ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ.

މިކަމުގެ ސަބަބުން، ވަޒީފާއަށް ހައްގުވާ، ގާބިލު މީހުން އެކަހެރިކުރެވެމުންދާކަން ފާހަގަކުރެވެއެވެ. ކިޔަވައިގެން ތިބި ޒުވާނުންނަށް ފުރުސަތު ނުލިބި، ސިޔާސީ ގޮތުން ގާތް މީހުންނަށް އިސްކަންދިނުމަކީ ގައުމުގެ ކުރިމަގަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް މި ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.

މީގެ އިތުރުން، މުސާރައިގެ ތަފާތުކުރުންތަކަކީވެސް މަސައްކަތްތެރިންގެ މެދުގައި އޮތް ބޮޑު ޝަކުވާއެކެވެ. އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރާ، ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް ބޮޑެތި މުސާރަތައް ދެމުންދާއިރު، ރެޔާއި ދުވާލު ބުރަ މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރައެއް ނުލިބޭކަން ފާހަގަކުރެވެއެވެ.

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި، ވަޒީފާ ދިނުމުގައި ކިޔަވައިގެން ތިބި ގާބިލު މީހުންނަށް އިސްކަންދީ، ސިޔާސީ ނުފޫޒުން ވަޒީފާގެ ބާޒާރު އެއްކިބާކުރަން ޖެހެއެވެ. ހަމަހަމަ އުޖޫރައާއި އިންސާފުވެރި ވަޒީފާގެ މާހައުލެއް ގާއިމުކުރުމަކީ މިއަދު މަސައްކަތްތެރިން އެންމެ ބޮޑަށް އެދޭ ބަދަލެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved