
ބައެއް ފަހަރު ކޮރަޕްޝަންތަކުގައި ފައިސާގެ ބަދަލުގައި، ބަދަލު ކުރެވޭ އެއްޗަކީ ޖިންސީ އަމަލު ކަމަށާ އެކަމާ ދެކޮޅަށް ތެދުވުމަށް ޓްރާންސްޕޭރެންސީ މޯލްޑީވްސް އިން ގޮވާލައިފިއެވެ.
އެ ޖަމްއިއްޔާއިން މިފަދައިން ގޮވާލާފައިވަނީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގައި ނެރުނު ބަޔާނެއްގައެވެ.
ޓްރާންސްޕޭރެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހު ފާހަގަކުރަނީ، މަސައްކަތުގެ ކަރާމާތާ އެކަމުގެ ބޭނުންކުރުމާ ކުރިމަތިލުން ކަމަށެވެ.
އެގޮތުން ފައިސާ އާއި މާލީ މަންފާގެ ބަދަލުގައި ޖިންސީ އަމަލު ހިމެނޭ ކޮރަޕްޝަނަކީ ވެސް މަސައްކަތްކުރާ މާހައުލުތަކުގައި ހިނގަމުންދާ، އާންމު ކަމެއް ކަމަށް ބުނެ އެ ބަޔާނުގައި ވަނީ، ކޮރަޕްޝަނަކީ އަބަދު ފައިސާއެއް ނޫން ކަމަށެވެ. އެއީ ވަޒީފާތަކާއި، ޕްރޮމޯޝަންތަކާއި، ނުވަތަ އަސާސީ ހައްގުތަކުގެ ބަދަލުގައި ޖިންސީ ގުޅުން ހިންގުމަށް ނުވަތަ ޖިންސީ ހެޔޮކަންތައްތަކަށް ޕްރެޝަރަކަށް ވުންވެސް ކަމާ އެއަށް ކިޔަނީ ޖިންސީ ކޮރަޕްޝަން ކަމަށާއި، އެއީ ހިމޭންކަމުގައި ކުރިއަރަމުންދާ ކަމެއް ކަމަށެވެ.
ޖިންސީ ކޮރަޕްޝަނަށް ސަމާލުވުމަށް ގޮވާލައި، ޓްރާންޕޭރަންސީ އިން ބުނީ، އެފަދަ ކޮރަޕްޝަންތަކަކީ މަސައްކަތުގެ ވަކި މާހައުލެއްގައި އެކަނި ހިނގާ ކަމެއް ނޫން ކަމަށެވެ. އެގޮތުން ނަޒާހާތްތެރި ނޫން މީހަކު ބާރުވެރި މަގާމެއްގައި ހުރެއްޖެ ނަމަ ކޮންމެ ފަދަ ތަނެއްގައި ވެސް މިފަދަ ކަންކަން ހިނގާފާނެކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ އެފަދަ މީހުން ބަލާނީ އޭނާއަށް ބަރޯސާވާ އަދި ނާޒުކު ހާލަތްތަކުގައި ތިބި މުވައްޒަފުން ޖިންސީ ގޮތުން އެކްސްޕްލޮއިޓް ކުރަން ކަން ވެސް ފާހަގަކޮށްފައެވެ.
އެހެންކަމުން، އެފަދަ ކަންކަމާ ދެކޮޅަށް އަޑު އުފުލައި އަދި މަސައްކަތް ނުކޮށްފި ނަމަ އެކަމަކީ ފުޅާވެ ފެތުރެމުންދާ މުޑުދާރު އަމަލެއް ކަމަށް ޓްރާންސްޕޭރަންސީ އިން ބުނެފައިވެއެވެ. ޖިންސީ ކޮރަޕްޝަން ރާއްޖޭގައި އަށަގަނެފައިވާ މިންވަރު ހޯދަން ދިރާސާއެއް ކުރަން ވެސް އެ ޖަމިއްޔާއިން ވަނީ ނިންމައިފައެވެ.
މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހު މިފަދަ ބަޔާނެއް ޓްރާންސްޕޭރެންސީ ނެރެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ހިމެނޭ ޖިންސީ އމަލަުތަކެއް ރައީސް އޮފީހުގައި ހިނގާފައިވާ ކަމަށް އަންހެނަކު ބުނެ އެ އަޑުތައް ގަދަވެސް ވެފައިވާ ދަނޑިވަޅެއްގައެވެ.










