މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ސޯޝަލް މީޑިއާ
ސިޔާސީ
ސިޔާސީ މަގާމްތަކުގެ މުސާރަ ބޮޑުވުމުގެ ސަބަބުން އިޖުތިމާއީ އިންސާފުވަނީ ގެއްލިފައި: އެމްޓީއޭ
Mariyam Isaadha
މަރިޔަމް އިސާދާ
01 މޭ 2024
މާލެ ސިޓީ

ސިޔާސީ މަގާމްތަކުގެ މުސާރަ ބޮޑުވުމުގެ ސަބަބުން އިޖުތިމާއީ އިންސާފުވަނީ ގެއްލިފައިކަމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ހާމަކޮށްފިއެވެ.

އެ އެސޯސިއޭޝަނުން މިފަދައިން ހާމަކޮށްފައިވަނީ، މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ނޫސް ބަޔާނެއްގައިއެވެ.

އެމްޓީއޭގެ ބަޔާނުގައި ބުނެފައިވަނީ ބައިނަލްއަގްވާމީ ގޮތުން މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ދުވަހެއް ފާހަގަ ކުރުމުގެ މަގްސަދަކީ، ގައުމެއްގެ ކުރިއެރުމުގައި މަސައްކަތްތެރިން ދައުރާއި، އެ މީހުންގެ ގުރުބާނީތަކުގެ އަގުވަޒަންކުރުން ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހަގުތަކަށް ވާ އަދި ވެވޭ އިހުމާލު ވަޒީފާ ދޭ ފަރާތްތަކާއި ސަރުކާރުތަކުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

މިއަދު ހަނދާން އާކުރަންވީ އެއްކަމަކީ, ދިވެހިރާއްޖެއަކީވެސް އެކަށީގެންވާ މުސާރައެއް މަސައްކަތްތެރިންނަށް ލިބި ނުދެވޭ، މަސައްކަތުގެ މާހައުލަށްވެސް އެކަށީގެންވާ ހެޔޮ ބަދަލުތައް އައިސްފައި ނުވާ ގައުމެއްގެ ގޮތުގައި އަދިވެސް ދެމިއޮތްކަން ކަން ފާހަގަކޮށް އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިއަދާއި ހަމައަށްވެސް މި ޘަގާފަތަށް ހެޔޮ ބަދަލެއް އައިސްފައި ނުވާކަމަށެވެ.

މަސައްކަތްތެރިންނާމެދު ބޮޑެތި އިހުމާލުތައް ހުރިއިރު، މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތު ކުރުމުގެ ބަދަލުގައި ސިޔާސީ ފަރާތްތަކުން އެފަރާތްތަކުގެ ސިޔާސީ މަސްލަހަތު އެކަނި އިސްކޮށް، ގައުމުގެ ހަގީގީ “އިންޖީނު” ކަމުގައިވާ މަސައްކަތްތެރިންގެ ގުރުބާނީތަކުގެ މަތިން ހަނދާން ނައްތާލާއިގެން ތިބޭ ތިބުމަކީ މިފަދަ ދުވަހެއްގައި ހިތާމައާއެކު ފާހަގަކުރާންޖެހޭ ކަމެއްކަމުގައިވެސް އެޖަމިއްޔާއިން ބުނެފައި ވެއެވެ.

އެހެންކަމުން، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތެރިންގެ ހައްގުގައި އަޑު އުފުލަމުން ދާއިރު، ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމަށްކޮށްދީ, މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި މަސައްކަތްތެރިންނަށް ހައްގުވާ މުސާރަ ކަށަވަރު ކޮށްދިނުމަށް ދައުލަތަށާއި, ވަޒީފާ ދޭ އެންމެހާ ފަރާތްތަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލާ، މަސައްކަތްތެރިންނަށް އެކަށީގެންވާ މުސާރައެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި، ނިމިދިޔަ ސަރުކާރުން އެންމެ ކުޑަ އުޖޫރައެއް އެކަށައެޅިނަމަވެސް، އެ ބަދަލުންވެސް އެންމެ އެކަށީގެންވާ ކުރިއެރުމެއް، މަސައްކަތްތެރިންގެ ހާލަަތަށް އައިސްފައެއް ނުވާ ކަމަށް އެމްޓީއޭއިން ބުނެފައިވެއެވެ. މަސައްކަތްތެރިންގެ ހާލަތު ރަނގަޅު ކުރުމަށް ގެނައި އެ ގާނޫނީ ބަދަލު އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒު ކުރެވެމުން ނުދާކަމަށް ވެސް ބުނެފައިވެއެވެ.

މިއަދަކީ ބައިނަލްއަގުވާމީގޮތުން ފާހަގަ ކުރަމުންދާ މަސައްކަތްތެރިންގެ ދުވަހެވެ. ބައިނަލްއަގުވާމީގޮތުން, މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ދުވަހެއް ފާހަގަ ކުރުމުގެ މަގްސަދަކީ, ގައުމެއްގެ ކުރިއެރުމުގައި މަސައްކަތްތެރިން ދައުރާއި, ވާ މަތިވެރި ގުރުބާނީތަކުގެ އަގުވަޒަންކޮށް, މަސައްކަތްތެރިންގެ ހަގުތަކަށް ވާ އަދި ވެވޭ އިހުމާލު ވަޒީފާ ދޭ ފަރާތްތަކާއި ސަރުކާރުތަކުގެ ސަމާލުކަމަށް ގެނައުމެވެ. މަސައްކަތްތެރިންގެ ހައްގުގައި އެދުވަހު އަޑު އުފުލުމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved