

ޚިޔާލު ފާޅުކުރުމުގެ ހައްގު ފާޓުފުޅާކޮށް ދޭނަމޭ ބުނެ، މޭޑޭގެ މުޒާހަރާއަށް ފާޅުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅައިފިއެވެ.
މިއަދު ހަވީރު 4:00 ގައި ރަސްފަންނު ސަރަހއްދުން ފެށުމަށް ހަމަޖެހިފައި އޮތް އިހުތިޖާޖަށް ފުލުހުން ކުރިން ހުއްދަ ދިން ނަމަވެސް ފަހުން ވަނި އެ ހުއްދައަސް ބަދަލު ގެނެސްފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެގޮތުން މި ރެލީ ރާވާފައި އޮތީ ރަސްފަންނު ސަރަހައްދުން ފަށައި، މަޖީދީ މަގުން އިރަށް ހިނގައި އާޓިފިޝަލް ބީޗަށް ނިންމާލާ ގޮތަށް ނަމަވެސް، ފުލުހުން އައިސް ވަނީ ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ބެރިކޭޑު ޖަހައި ރެލީއަށް ހުރަސް އަޅާފައެވެ. އެގޮތުން ރެލީއަށް ތައްޔާރުވެ ހިނގައިގަތުމާ އެކު ބެރިކޭޭޑު ޖަހައި ފުލުހުން ވަނީ ރެލީއަށް ހުރަސް އަޅާފައެވެ. ފުލުހުން ހުއްދަ ބަދަލުކުރީ ކުއްލި ގޮތަކަށް ކަމަށް މުޒާހަރާ އިންތިޒާމު ކުރާ މީހުން ބުނެފައިވެއެވެ. އަދި ފުލުހުން ޣައިރު ގާނޫނީ އޯޑަރަށް ތަބާނުވުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.
ބެރިކޭޑު ޖަހާ މަޖީދީ މަގު ބަންދުކުރުމުން މުޒާހަރާގެ ބައިވެރިން ވަނީ ރޫޓު ބަދަލުކޮށް އަލުން މުޒާހަރާ ފަށާފައެވެ.
ސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން އަންނަނީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ރެލީގައި ގޮވައިލަމުންނެވެ. އެ މީހުން އަޑު އުފުލަމުން ދަނީ މިވަގުތު ރަސްފަންނު ސަރަހައްދުގަ އެވެ.
މިއީ މުޒާހަރާއެއް ނޫން ކަމަށާއި މި ރެލީއަށް ފުރުސަތު ދިނުމަށް ރެލީ އިންތިޒާމު ކުރާ ފަރާތްތަކުން ދަނީ އެދެމުންނެވެ.
ޕޯޓް ވޯޯކާސް ޔޫނިއަނުން އެމްޕީއެލްގައި މަސައްކަތުގެ މާހައުލުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ދަނީ ގޮވައިލަމުންނެވެ.
ރިސޯޓު މަސައްކަތެރިންނަށް ތުނބުޅި ބެހެއްޓޭނެ ގަވާއިދު ހެދުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަނުން ގޮވައިލަމުންދާއިރު، ޑްރައިވާސް އެސޯސިއޭޝަނުން ޓެކްސީ ޑްރައިވަރުންގެ މަސައްކަތް މި ސަރުކާރުން ނެތިކޮށްލާފައިވާ ކަމަށް ގޮވައިލަމުންނެވެ.
ރަސްފަންނުން ފެށި އެ ރެލީ ނިންމާލުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗަށެވެ.
މޭޑޭ ރެލީގައި އެކި ދާއިރާތަކުގެ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން އަންނަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ޑްރައިވާސް އެސޯސިއޭޝަން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ޕޯޓް ވޯކާސް ޔޫނިއަން ވެސް ހިމެނެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރަކީ ޚިޔާ؛ުފާޅުކުރުމުގެ މިނިވަންކަމަށް އަރައިު ނުގަނެ ދައުރެއް ނިންމާލާނެ ކަމަށް ބުނި ސަރުކާރެއް ނަމަވެސް މަސައްކަތްތެރިން އެމީހުންގެ ޝުއޫރުފާޅުކުރަން ފާއިތުވި 14 އަހަރުގެ ތެރޭގައި ރާއްޖޭގައި މޭޑޭގައި އިހުތިޖާޖުކުރަަމުން ގެންދިޔައިރު މިއީ މޭޑޭ މުޒާހަރާއަކަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އެޅި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.