
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ހަމަލާތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވެ، އެ ގައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް އެމެރިކާގެ ކޮންގްރެސްގެ ހުއްދަ ހޯއްދަވަން ނުޖެހޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ޓްރަމްޕް މިހެން ވިދާޅުވީ އީރާނަށް ހަމަލާދޭން ފެށިކަން ރަސްމީކޮށް ކޮންގްރެސްއަށް އެންގިތާ 60 ދުވަސް ހަމަވި ދުވަހުއެވެ.
އެމެރިކާގެ ގާނޫނުތައް ބުނާގޮތުން، ރައީސަކު ހަނގުރާމައެއް ފަށާކަން ކޮންގްރެސްއަށް އެންގުމަށްފަހު، ކޮންގްރެސްގެ ހާއްސަ ހުއްދައެއް ނެތްނަމަ 60 ދުވަހުގެ ތެރޭގައި އެ ހަނގުރާމައެއް ހުއްޓާލަން ޖެހެއެވެ. ނަމަވެސް ޓްރަމްޕް ކޮންގްރެސްގެ ލީޑަރުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ފެބްރުއަރީ 28 ގައި ފެށި ހަނގުރާމަ މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި، އޭޕްރިލް 7 އިން ފެށިގެން ހަމަލާ ބަދަލުކުރުން ހުއްޓިފައިވާ ކަމަށެވެ.
ކޮންގްރެސްގެ ތެރޭގައި މި ހަނގުރާމައަށް ރަސްމީ ހުއްދަ ހޯދުމަށް ވޯޓަކަށް ދިއުމާ މެދު ބަހުސްތައް ދަނީ ކުރެވެމުންނެވެ. ޑިމޮކްރެޓުން ޓްރަމްޕްގެ ބާރުތައް ހަނިކުރަން މަސައްކަތް ކުރަމުންދާއިރު، ޓްރަމްޕް ވަނީ ކޮންގްރެސްގެ ހުއްދަ ހޯދުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، ގާނޫނީ އިމުގެ ބޭރުން އަމަލުކުރައްވަން މަސައްކަތް ކުރައްވާފައެވެ. ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަކީ ހަނގުރާމަ ނިމުނީ ކަމަށް ބަލައި، 60 ދުވަހުގެ މުއްދަތު ގުނުން ހުއްޓާލެވޭނެ ގާނޫނީ ސަބަބެއް ނޫނެވެ.
މި ހަނގުރާމަ ފެށުނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން، އެމެރިކާއާއި އިޒްރޭލުން އިރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނައި އަވަހާރަވުމާ ގުޅިގެންނެވެ. މިއާއެކު އީރާނުން ވަނީ އިޒްރޭލަށާއި ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާދީފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އަދި އާދެވިފައި ނުވާއިރު، އިރާނުގެ ރަސްމީ މީޑިއާއިން ބުނާ ގޮތުގައި ޕާކިސްތާން މެދުވެރިކޮށް އިރާނުން ވަނީ މަޝްވަރާ ކުރުމުގެ އާ ހުށަހެޅުމެއް އެމެރިކާއަށް ފޮނުވާފައެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން މިކަމަށް ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.










