
ޔަމަނުގެ ޝަބްވާ ޕްރޮވިންސްގެ އައްސޭރިފަށުން "އެމް/ޓީ ޔުރީކާ" ނަމަކަށް ކިޔާ ތެޔޮ އުފުލާ ޓޭންކަރެއް، ހަތިޔާރު އެޅި ބަޔަކު އަރައި ހައިޖެކް ކުރިކަން އެ ގައުމުގެ ކޯސްޓްގާޑުން ހާމަކޮށްފިއެވެ.
އެ ގައުމުގެ ކޯސްޓްގާޑުން މައުލޫމާތު ދޭ ގޮތުގައި، ކޮން ބައެއްކަން ނޭނގޭ މި ހަތިޔާރު އެޅި ގްރޫޕުން ވަނީ އުޅަނދަށް އަރައި އޭގެ ކޮންޓްރޯލް އަތުލައިގަތުމަށްފަހު، ސޯމާލިއާގެ ކަނޑުގެ ސަރަހައްދަށް މިސްރާބު ހުންނަ ގޮތަށް ގަލްފް އޮފް އަދަންއާ ދިމާލަށް އުޅަނދު ދުއްވާފައެވެ.
ޔަމަނުގެ ކޯސްޓްގާޑުން ބުނީ، ހައިޖެކް ކުރި މި ޓޭންކަރު މިހާރު އޮތް ސަރަހައްދު ދެނެގަނެވިފައިވާ ކަމަށާއި، އުޅަނދުގެ ހަރަކާތްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އުޅަނދު އަނބުރާ ހޯދުމަށާއި، އޭގައި ތިބި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށްވެސް ކޯސްޓްގާޑުން ބުނެފައިވެއެވެ.










