
ދިވެހިންނަށް މިހާ ތަދުމަޑު ދުވަސްވަރެއް މިފަހެއްގައިވެސް ނާންނަ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، ދިވެހި ރައްޔިތުންގެ އިގްތިސޯދީ އަސާސްތައް ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށާ ބޭރުގެ އިންވެސްޓުމަންޓުތައް ގައުމަށް ނުގެނެވޭ ކަމަށާ، ގައުމުގެ އިގްތިސޯދު ހީނަރުވެފައި ކަމަށެވެ.
އެމްއޭސީއެލް ތެރޭ އޮތް ކޮރަޕްޝަން ނައްތާލައިފި ނަމަ އިޤްތިސޯދަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ވިދާޅުވެ އެއަރޕޯޓް ނުހިނގާ ކަމަށާ އެއަރޕޯޓްގެ އެފިޝެންސީ ދަށް ކަމަށާ އެއަރޕޯޓްގެ ފައިދާ ވާނެ ކަންކަން ސަރުކާރަށް ދެނެ ނުގަނެވޭ ކަމަށް މަލީހު ފާހަގަކުރައްވާފައިވެސްވެއެވެ. އެއަރޕޯޓަށް ގެންނަންވީ ޕްރޮފެޝަނަލް ސީއީއޯއެއްކަމަށް ވިދާޅުވެ މަލީހު ވަނީ ތަނުގެ ހިސާބު، އަކުރުން މަސައްކަތް ފެންނަންވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން މަލީހު ވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒަށް ރައްޔިތުންގެ 70 އިން ސައްތަ މީހުން ނޫނެކޭ ބުނެފައިވާކަން ފާހަގަކުރައްވާ، ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތު ތާއީދު ނުކުރާ ވެރިއަކު ވެރިކަމުގައި ހުރެގެން ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އެހެންކަމުން ރައީސް މުއިއްޒު އިސްތިއުފާގެ ކަންކަން އަވަސް ކުރަން ޖެހޭ ކަމަށް ވިދާޅުވެ މަލީހު ވަނީ، މިހާރު ރައްޔިތުންގެ މައްޗަށް ބަސްބުނެ ކަންކުރުމުގައި ޑިމޮކްރެޓިކު މެންޑޭޓެއް ރައީސް މުއިއްުގެ ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.










