
އީރާނުން އިއްޔެ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ހަމަލާ ދިން ކަމަށް ބުނާ ވާހަކަތަކައް އެ ގައުމުގެ އަސްކަރިއްޔާގެ އޮފިޝަލަކު ދޮގު ކޮށްފިއެވެ.
އިއްޔެ ޔޫއޭއީއަށް ޑްރޯން އާއި މިސައިލް ހަމަލާތަކެއް ވަނީ އަމާޒުވެފައެވެ. އެއީ އީރާނުން ދިން ހަމަލާތަކެއް ކަމަށް ޔޫއޭއީން ބުނެފައި ވެއެވެ.
އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާއި ހަވާލާދީ ރަސްމީ މީޑިއާތަކުން ބުނީ ޔޫއޭއީއަށް ހަމަލާ ދިނުމުގެ ވިސްނުމެއް އީރާނުން ނެތް ކަމަށެވެ.
މީގެ ކުރިންވެސް އީރާނުން ވަނީ އެ ހަމަލާތަކަކީ އީރާނުގެ ސަރަހައްދުން އަމާޒުކޮށްގެން ދިން ހަމަލާތަކެއް ނޫން ކަމަށް ބުނެފައެވެ.
މި ހަމަލާތައް ދީފައި ވަނީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރު ކުރަން މަސައްކަތް ކުރާ އުޅަނދުތަކަށް އެހީވުމަށް އެމެރިކާ ސިފައިން ފެށި ހިސާބުން، އެ ކަނޑު މަގުން ދަތުރު ކުރަން ބޭނުންވާ އުޅަނދުތަކަށް މިނިވަންކަމާއެކު ދަތުރު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އައިއާރްޖީސީން ބުނެފައި ވަނިކޮށެވެ.
އޭގެ ފަހުން އެ ސަރަހައްދުގައި ދަނީ ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގަމުންނެވެ.
މިގޮތުން އަބޫދާބީގެ އެނާޖީ ކުންފުނި އެޑްނޮކްގެ ޓޭންކަރަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް ޔޫއޭއީން ބުނެފައި ވެއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެޑްނޯކް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރި ޓޭންކަރަށް އަމާޒުކޮށް ދެ ޑްރޯން ހަމަލާ ދިން ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.










