
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީއާ އެކުގައި ޗައިނާގައި ކުރިއަށްދާ މަޝްވަރާތަކުގައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ޗައިނާ އިން ބާރު އަޅާނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އައްބާސް އަރަޣްޗީ ރަސްމީ ދަތުރެއްގައި ޗައިނާ އަށް ވަޑައިގަތީ މިއަދެވެ. މިއީ އެމެރިކާ އާއި އިސްރާއީލް ގުޅިގެން މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރަން ފެށި ފަހުން އޭނާ ޗައިނާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އީރާނާއި ޗައިނާއާ ދެމެދު މަޝްވަރާތައް މިހާރު ވަނީ ފެށިފައެވެ. އެޖެންޑާގެ އެންމެ ކުރީގައި އޮތީ ދެ ކަމެކެވެ. އެއީ ހަނގުރާމަ ހުއްޓާލަން ނިންމާފައި އޮތް އޮތުން ދެމެހެއްޓުމަށާއި ހޮރްމޫޒު ކަނޑުއޮޅި އަލުން ހުޅުވުމެވެ. މި ދެ ކަމަކީ ވެސް ޗައިނާ އިން ވަރަށް ބޮޑަށް އިސްކަންދޭ ދެ ކަމެވެ.
އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އެމެރިކާއިން ހިންގާ ޙިސޯރަށް ޗައިނާއިން މީގެކުރިން ވަނީ ފާޑު ކިޔައިފައެވެ. ނަމަވެސް ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގައި އީރާނުގެ ދައުރާ މެދު ވެސް ޗައިނާއިން ފާޑު ކިޔައެވެ.
ހޮރްމޫޒު ކަނޑުއޮޅި ހުޅުވައިފި ނަމަ، ޗައިނާގެ ފަރާތުން ލިބޭނީ ކޮން ތާއީދެއްތޯ ބެލުމުގެ މަސައްކަތް އީރާނުން ކުރާނެ ކަމަށްވެއެވެ. އަދި އީރާނަށް އިތުރު ދަތިކުރުމުގެ ފިޔަވަޅެއް އައިސްފި ނަމަ، އދ. ގައި ޗައިނާ އިން އީރާނަށް ތާއީދު ކުރުމުގައި ދެމިތިބޭނެތޯ ނުވަތަ ނޫންތޯ ވެސް ބަލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.










