
މާލޭގެ ކޮޓަރިއެއްގައި އަންހެނަކު ބަންދުކޮށްގެން، އޭނާ ލައްވައި މަޖުބޫރުން ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ފިރިހެނެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ މުޙައްމަދު ނަހީދުލް އިސްލާމް ނަމަކަށް ކިޔާ މީހެކެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، ގަލޮޅުގެ ގެއެއްގައި ދިރިއުޅޭ މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 14 ވަނަ ދުވަހަށެވެ.
ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ، ނަހީދުލް އިސްލާމްގެ މައްޗަށް ކުރެވޭ ތުހުމަތަކީ އޭނާގެ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން، އޭނާ ލައްވައި ހަށިވިއްކުމުގެ ވިޔަފާރިކުރުވި ކަމުގެ ތުހުމަތެވެ. ނަމަވެސް، އެ އަންހެން މީހާއަކީ ކޮން ގައުމެއްގެ މީހެއްކަން ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި އޭނާއާ ދެކޮޅަށް ފުލުހުން ވަނީ ހާދިސާގެ ރިޕޯޓާއި، ފުލުހުންގެ ބަޔާންތަކުގެ އިތުރުން އަނިޔާ ލިބުނު ފަރާތާ ގުޅޭ ލިޔުންތައް ހެކީގެ ގޮތުގައި ހުށަހަޅާފައެވެ. މި ހެކިތަކަށް ބަލައި ކޯޓުން ފާހަގަކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދަނީ އިންސާނީ ވަގުފާރި ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ، ތުހުމަތު ކުރެވޭ މީހާ މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ފަހަކަށް އައިސް މާލޭގައި ބިދޭސީން އިސްވެ ތިބެ ހިންގާ ހަށިވިއްކުމުގެ ނެޓްވޯކްތައް ހުއްޓުވުމަށް ފުލުހުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ ގިނަ މައްސަލަތަކުގައި ބޭރު ގައުމުތަކުން އަންހެނުން ގެނެސް، އެމީހުންގެ ޕާސްޕޯޓު ހިފަހައްޓައި މަޖުބޫރުން މިފަދަ ކަންކަން ކުރުވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.










