ރައީސް މުޢިއްޒު ޚަރަދުތައް ކުޑަކުރައްވަނީ ތަރައްޤީއަށް ކުރާ ހޭދަ ކުޑަކުރައްވައިގެން / ތޭރަގްރެފިކްސް
ހަބަރު
ރައީސް މުޢިއްޒު ޚަރަދުތައް ކުޑަކުރައްވަނީ ތަރައްޤީއަށް ކުރާ ހޭދަ ކުޑަކުރައްވައިގެން
Moosa Shizmee
މޫސާ ޝިޒްމީ
18 މާރިޗު 2024
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފާއިތުވި އެމްޑީޕީގެ ސަރުކާރާ އަޅާބަލާއިރު ދައުލަތުގެ ޚަރަދުތައް ކުޑަކުރި ނަމަވެސް ޚަރަދުތައް ކުޑަކޮށްފައިވަނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ކުރަމުން އައި ހޭދަ ވަރަށް ބޮޑަށް ކުޑަކޮށްގެންކަން ހާމަވެއްޖެއެވެ.

ފައިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އެކްސްޕެންޑިޗާ ރިޕޯޓުތަކުން އެނގޭ ގޮތުގައި ފެބްރުއަރީ މަހުގެ ނިޔަލަށް މި ސަރުކާރުން ޖުމްލަ 6.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރައީސް ސޯލިހުގެ ސަރުކާރުން ޚަރަދުކޮށްފައިވަނީ 6.6 ބިލިއަން ރުފިޔާއެވެ. ދެ ސަރުކާރުން ޚަރަދުކުރި އަދަދުގެ މެދުގައި އުޅެނީ 15 މިލިއަން ރުފިޔާގެ ފަރަގެކެވެ.

ނަމަވެސް ދެ ސަރުކާރުން ޚަރަދުކުރި ކަންކަމަށް ބަލާއިރު ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 2.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރައީސް ސޯލިހުގެ ސަރުކާރުން މުސާރައާއި އިނާޔަތްތަކަށް ޚަރަދުކުރީ 1.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން މުސާރައަށް ކުރާ ޚަރަދުވަނީ 300 މިލިއަނެއްހައި ރުފިޔާއިން އިތުރުވެފައެވެ.

މުވައްޒަފުންގެ މުސާރައަށް ކުރާ ޚަރަދު އިތުރުވެފައިވާއިރު ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން ޚަރަދުކުރާ ފައިސާގެ އަދަދުވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ފާއިތުވި އަހަރުގެ ޖަނަވަރީން ފެށިގެން ފެބްރުއަރީގެ ނިޔަލަށް ތަރައްޤީގެ މަޝްރޫޢުތަކަށް 2.7 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކޮށްފައިވަނީ 1.2 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން ކުރި ހޭދަ ފާއިތުވި އަހަރާ އަޅާބަލާއިރު ބިލިއަނެއްހައި ރުފިޔާއިން މަދުވެފައިވެއެވެ.

ތަރައްޤީގެ މަޝްރޫޢުތަކަށް ކުރާ ހޭދަ ދަށަށް ގޮސްފައިވާއިރު، މި ސަރުކާރަކީ އެންމެ ގިނަ އަދަދަކަށް ނައިބުވަޒީރުން އައްޔަންކުރި ސަރުކާރެވެ. ރައީސް ޑރ.މުޢިއްޒު 300 އާ ގާތްކުރާ އަދަދަކަށް ނައިބުވަޒީރުން އައްޔަންކުރައްވާފައިވާއިރު، އެމަނިކުފާނު އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި އެމީހުންގެ ތައުލީމީ ފެންވަރާއި ލިބިފައިވާ ތަޖުރިބާއަކީ ރައްޔިތުންނަށް ހާމަކުރަންނުޖެހޭ ސިއްރެއްކަމަށް ސަރުކާރުންވަނީ ކަނޑައަޅާފައެވެ.

ސިޔާސީ މަޤާމުތަކަށް ކުރާ ހޭދަ ބޮޑުވިޔަނުދީ އެކަށީގެންވާ މިންގަނޑެއްގައި ހިފަހައްޓަވަން ރައީސް ޑރ.މުޢިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު ކުރީ ހުރިހާ ސަރުކާރަކަށްވުރެ ބޮޑުކަމަށް މާލީ ކަންކަން ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
އަދަދު
19 މާރިޗު 2024, 19:56
ސޯލިހު ދިޔައީ މީސްތަކުންގެ މުސާރަ ނެތް ތަނަށް ބޮޑުކޮށްފައި. މީހުންގެ އަދަދުން ކިޔާބަލަ
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved