ސިޔާސީ މަޤާމުތަކަށް އެމީހަކު އައްޔަންކުރެވޭ ދާއިރާގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުން އެކަނި އައްޔަންކުރައްވާނެކަމަށް ވިދާޅުވެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ސަރުކާރުގެ އެކި މަޤާމުތަކަށް އައްޔަންކުރެއްވި ސިޔާސީ މުވައްޒަފުންގެ އަދަދު ހައްދެއް ނެތް މިންވަރަށް އިތުރުވުމުގެ ސަބަބުން ކެބިނެޓް މިނިސްޓަރުންނަށް އޮފީސް ތެރޭގައި ކަންކަން ހިނގާ ގޮތް އެނގިވަޑައިނުގަންނަވާ ހިސާބަށް ހިނގައްޖެއެވެ.
ނަން ހާމަނުކުރުން ޝަރުތުކޮށް "ތޭރަ އޮންލައިން" އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސްވެރިޔަކު ވިދާޅުވީ ބައެއް ވަޒީރުންނަށް އެ ވުޒާރާތަކަށް އައްޔަންކުރެވިފައި ތިބި މީހުންގެ ނަންތަކާއި އެމީހުންނަކީ ކީއްކުރާ ބައެއްކަންވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ރަމަޟާން މަސް ފެށުނު ފަހުންވެސް ބައެއް ވުޒާރާތަކަށް އެކި ފެންވަރުގައި ސިޔާސީ މުވައްޒަފުން އައްޔަންކޮށް ވަޒީރުންނަށް ފަތްކޮޅު ފޮނުވާފައިވާއިރު އެ މުވައްޒަފުންނާ ހަވާލުކުރާނެ މަސައްކަތެއް ނެތްކަން ވަޒީރުން ފާހަގަކުރައްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ޓްރާންސްޕޯޓު މިނިސްޓަރު ކެޕްޓަން މުޙައްމަދު އަމީނުގެ އަރިހުގައި މަސައްކަތްކުރުމަށް އެވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓާ އަދި ޕޮލިޓިކަލް ޑިރެކްޓަރުގެ ގޮތުގައި މިމަހު އެކަނި 5 ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވާ ކަމަށާއި، މިނިސްޓަރަށް އެއިން މުވައްޒަފަކު ފެނިވަޑައިގެންފައިނުވާތީ މިނިސްޓަރު ޝަކުވާކުރައްވާފައިވާކަމަށް މައުލޫމާތު ދެއްވި ސަރުކާރުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު 700 އަށްވުރެ އިތުރުނުކުރައްވަން ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް މިހާތަނަށް އެކި މަޤާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންނާއެކު އެ އަދަދަށްވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އޮފިޝަލު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރުވެސް އިސްވަޒީރުގެ ގޮތުގައި ހުންނެވި ޢަބްދުއްރަޙީމު ތަފާތު ލިސްޓުތައް ގެންނަވައިގެން މީހުން އެކި މަޤާމުތަކަށް އައްޔަންކުރައްވަމުންދާ ކަމަށެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރު އަދި ރައީސް ޑރ.މުޢިއްޒުގެ ދެބެއިންގެ ދެދަރި އަޚު އަލީ އާރިފުވެސް ރައީސް އޮފީސް ތެރެއިން ގިނަ ބަޔަކަށް ވަޒީފާދެމުންދާކަމަށް އޭނާ ބުންޏެވެ.
ފައިސާ ނަގައިގެންނާއި، އެހެނިހެން ބައެއް ކަހަލަ ކަންކަން ބަދަލުގައި ކޮށްދޭ ގޮތަށް ސަރުކާރުގެ ތެރެއިން މަޤާމުތައް މީހުންނަށް ހަމަޖައްސައިދެމުންދާކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ. އެކަމުގައި އިސްކޮށް އުޅުއްވަނީ އަލީ އާރިފާއި ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒުކަމަށާއި، އެބޭފުޅުން އަމިއްލައަށް މަތިންބައިންޖެހިވަޑައިގެން މީސްމީހުންނަށް ވަޒީފާ ހުށަހަޅުއްވައި އޭގެ ބަދަލުގައި އެކި ކަންކަން ކޮށްދިނުމަށް އެދިވަޑައިގަންނަވަމުންދާކަމުގެ ޝަކުވާތައް ލިބުނަސް ރައީސް އެއިން އެއްވެސް ކަމެއް ޤަބޫލުކުރައްވަން ބޭނުންފުޅުނުވާކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.