މުޅި ދައުލަތް ހަސަން ކުރުސީ ދަށުވެ ކުރިއަށް ނުކެނޑިފައިތަ؟ / ތޭރަގްރެފިކްސް
ރިޕޯޓު
މުޅި ދައުލަތް ހަސަން ކުރުސީ ދަށުވެ ކުރިއަށް ނުކެނޑިފައިތަ؟
12 މޭ 2025
މާލެ ސިޓީ

ވައްކަމާ ކޮރަޕްޝަނާ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމަކީ އެއީ އެއްވެސް ރައްޔިތަކު ރުހި ގަބޫލުވާނެ ކަމެއް ނޫނެވެ. ނިމިދިޔަ އެމްޑިޕީގެ ވެރިކަން ރައްޔިތުން ބަދަލު ކުރީވެސް އެ ފަސް އަހަރު ދައުލަތުގެ ޚަޒާނާއިން ބޮޑެތި ވައްކަންތައްކޮށް ސަރުކާރުގެ ވެރިންގެ އަންބޮޑި ބޮޑުވެ ރައްޔިތުން އަނގަޔާ އަތާ ދިމާނުވާ ހާލަށް ގައުމު ވެއްޓުމުންނެވެ.

ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި ގައުމުގެ ރައްޔިތުންގެ ނޭވާ ހޮޅިން ވައްކަންކޮށް މާގިރި ހޮޓެލުގައި ވައިޑް ބޮޑީ މިނިސްޓަރަކު ކުޅުނު ނާޗަރަންގީއާ އަންހެނުންގެ ކަރާމާތަށް އަރައިގަތް އަރއިގަތުމާ މިހެން ގޮސް ކިޔާފައި ނުކިޔާނެ ވާހަކައެއް ނެތެވެ. ރައްޔިތުން އޭރުވެސް ދައުލަތުގެ ވެރިންނާ މެދު ތިބީ ރުހިގެން ނޫނެވެ. ނަމަވެސް އެ ރައްޔިތުން ތިބީ ރަގަޅު ވަގުތަށާ ސާތަށް އިންތިޒާރުކޮށްެގެންނެވެ. ރައްޔިތުންގެ ހަމަ ހިމޭންކަމަކީ ވެރިންގެ ނޭއްގާނީ އަމަލުތަކާ މެދު ރުހިގެން ތިބިކަމުގެ ހެއްކެއްގެ ގޮތުގައި އޭރުވެސް ބަޔަކު ތަރުޖަމާ ކުރިއެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫންކަން ރައްޔިތުން ދެއްކީ ރައްޔިތުންގެ ބާރުންނެވެ. އާދެ، ވޯޓު ކަރުދާހުންނެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރުންވެސް އިދިކޮޅު ކެންޑިޑޭޓަށް މެޖޯރިޓީ ދީ ރައްޔިތުން ދެއްކީ ކޮރަޕްޝަނާ ވައްކަމާ ނާއިންސާފަށް ދިވެހިން އަބަދުވެސް ބުނާނީ ނޭނެކޭ ކަމެވެ. އޭރުގެ ކެމްޕެއިން ތެރޭގައި އިދިކޮޅު ކެންޑިޑޭޓުގެ ހައިސިއްޔަތުން ހުންނެވި އަދުގެ ރައީސުލްޖުްމހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެސް އެންމެ ބޮޑަށް ވިއްކި އެއް ކަމަކީ އެމްޑީޕީ ސަރުކާރުގެ ތެރޭގައި ހައްދުން ނައްޓާލާފައި އޮތް ވައްކަމާ ކޮރަޕްޝަނެވެ. އެކަމާ މެދު ފިޔަވަޅު ނާޅާ ނޭޅުމެވެ.

އެހެންކަމުން އެކަންކަން ނިމުމަކަށް ގެނައުމަށް އެމަނިކުފާނަށް ވޯޓު ދިނުމަށް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގަތްގަތުމަށް އިޖާބަދީ ދިވެހި ރައްޔިތުން މުއިއްޒަށް ވޯޓު ދިނީ އިންސާފާ ހަމަހަމަކަން ގާއިމުކޮށް ފަނޑިޔާރުގެތަކުން ގެންގުޅެމުން އައި ޒާތީ ތައައްސުބާ ނާއިންސާފު ނިމުމަކަށް ގެނެސް، ރައްޔިތުންގެ ޚަޒާނާއިން ވެރިން ކުރަމުން ދިޔަ ސިއްރު ވައްކަންތަކުގައި ސިއްކަ ޖެހުމަށެވެ.

ނަމަވެސް ކަންވީ އެހެންތޯ މިއަދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެމްޑީޕީގެ ބޮޑެތި ވަގުންގެ ވެރިކަމަށް ވުރެ މި ސަރުކާރުގެ ވައްކަމާ ކޮރަޕްޝަނާ ހައްދުން މައްޗަށް ގޮސްފިއެވެ. ފަހަރުގައި ހައްދުން މަތީ ބޭފުޅަކު ރައީސްގެ އެޑްވައިޒަރަކަށް ހުރުމުން ކަމަށްވެސް ވެދާނެއެވެ.

ކޮންމެ އަކަސް ރައީސް މުއިއްޒުގެ ސަރުކާރަށް ދޮޅު އަހަރު ވެގެންދާން ކައިރިވެފައިވާއިރު މުޅި ގައުމުގައި އޮތީ ކޮރަޕްޝަން ކޮރަޕްޝަނެވެ. މިތާވެސް ކޮރަޕްޝެނެވެ. އެތާ ވެސް ކޮރަޕްޝަނެވެ. މި ނޫން ވާހަކައެއް ނެތެވެ. ރައީސަށް އެއް ބައެއްގެ ކޮރަޕްޝަން ފެނި ލޯފުޅަށް ނިދި ނައިސްގެން އުޅުއްވާއިރު އަނެއް ބައެއްގެ ކޮރަޕްޝަންގެ ވާހަކަތައް އެމަނިކުފާނާ ރޭކާލާކަމަށްވެސް ނުވެއެވެ.

އެހެންކަމުން މިކަންކަން ރައްޔިތުންނާ ހަމައަށް ތިލަކޮށްދޭން ނުކުތީ އެއީ ކާކުކަން ނޭނގުނަސް އެއީ ގައުމީ ބަތޮލެއްގެ ގޮތުގައި ގިނަ ބަޔަކު މިހާރު ސިފަކުރާ "ހަސަން ކުރުސީ"އެވެ. ދައުލަތުގެ ތެރޭގައި ވިސްލް ބްލޯވަރުންގެ ބޭނުން ހިފޭ ގޮތަށް އޮތްކަމާ ރައްކާތެރިކަން އޮތްކަމަށް ބުނި ނަމަވެސް މިފްކޯގެ ކުރީ މެނޭޖިން ޑިރެކްޓަރ ޝަމާހުގެ ކޮރްޕަޝަނާ ގުޅިގެން ވިސްލު ބްލޯކުރި މުވައްޒަފު ސިއްރު ނުވުމުން ދެން ދައުލަތުގެ ތެރެއިން ވިސްލު ބްލޯކޮށްދޭން މުވައްޒަފުން ފެށީ ހަސަން ކުރުސީއަށެވެ.

ހަސަން ކުރުސީ ރައްޔިތުންނާ ހަމައަށް ތިލަކޮށްދޭ ގިނަ މައުލޫމާތުތަކަކީ ސައްހަ ތެދު މައުލޫމާތުކަން އޭނާ އެކަންކަން ހާމަކުރާ ތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ގައުމަށް ފާޅުވެގެންދެއެވެ. މިކަމާ ގުޅިގެން ރައީސް މުއިއްޒުއާ މުޅި ދައުލަތް ކޮށި އަރާ ހަމަ އެއްގޮތަކަށްވެސް ސަރުކާރަށް ކުރިއަށް ފިޔަވަޅެއް އަޅާނެ ފުރުސަތެއް މި ދޭތެރެއިން ލިބިގެން ނުދިޔަކަން ފާހަގަވެއެވެ. އެގޮތުން ތިބި ފިޔަވަޅު މަތީ ތިބެ ޑިފެންސަށް ކުޅެން މުޅި ސަރުކާރުގެ ވެރިންނަށް ޖެހުނެވެ. ރެެއެއް ދުވާލެއް ނުބަލާ ޓްވީޓަރގައި ޕޯސްޓުކުރުމާ ކަންކަން މެކުހަށް ޖަހަން ޖެހުނެވެ. ނަމަވެސް ކިތަންމެ ވަރެއް ކުރިޔަސް އެ ކަންވާރެއްގައި ނެތް ދިޔައެއް އެ ކަންވާރަކުން ނުފެލޭނެތާއެވެ.

އެހެންކަމުން ސަރުކާރުގެ ވެރިންނަށްވެސް އަބަދު ޑިފެންސަށް ކުޅުން ކުޅަދާނަ ކަމަކަށް ނުވެ އެޓޭކްއަށް ކުޅޭނެ ފުރުސަތު ހޯދައިދެއްވަން ރައީސް މުއިއްޒު އަރިހު ޕީއާރު ކުދިންކޮޅު ބޮޑާހާކަން ފެށިކަމަށް އަޑުތައް ފެތުރުނެވެ. އެއާއެކު އެކަމަށް މަގު ކޮއްޓަވާނެ ގޮތެއް ނޭނގި ރައީސް މުއިއްޒަށް ފެނުނު އެންމެ މޮޅު ހައްލަކީ "ހަސަން ކުރުސީ" އެކައުންޓު ސަރުކާރުގެ ހުރިހާ ވަޒީރުންނާ ބޮޑުވެސް "ބްލޮކް" ކޮށްލުމެވެ.

އެގޮތުން ވެރިކަން ކުރެވޭ ވަރަށް ވުރެ ނަފްސާނީ ގޮތުން އެމަނިކުފާނު ބަލިކަށިވެގެން އެ އެކައުންޓު ހުދު ރައީސް މުއިއްޒުވެސް ބްލޮކުކުރި ކަމަށް އަޑު ފެތުރިފައިވާއިރު، ރައީސް މުއިއްޒު އަންގަވައިގެން ހަސަން ކުރުސީ ހޯދުމަށް އިޒްރޭލުގެ މޮސާޑުގެ އިތުރުން 3 ގައުމެއްގެ އެޖެންސީ ތަކާއި ބައްދަލުކޮށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ އެކަމަށް ހައްލު ހޯދަން ފަށާފައިވާ ކަމަށްވެސް ވެއެވެ.

ނަމަވެސް ކުރިންވެސް ދެންނެވި ފަދައިން މޮޔައެއްގެ އަތަށް ކަނޑިއެއް ލިބުނީމާ ވާނެ ހައެތިވުމަކީ ހަސަން ކުރުސީގެ ވެސް އަދި ރައްޔިތުންގެ ވެސް މައްސަލައެއް ނޫންތާއެވެ.

މުޅި ދައުލަތް ހަސަން ކުރުސީ ދަށުވެ ކުރިއަށް ނުކެނޑިފައި އޮތުމަކީ މޯލްޑިވްސް 2.0 ގެ ސިޔާސަތު ހަރުދަނާ ނޫންކަމުގެ ހެއްކަކަށް ނުފުދޭތޯއެވެ؟

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved