May 18, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސިފައިންނަށް ފޭބުނީ 50 މީޓަރަށް، ތާށިވި މީހުން އެއަށްވުރެ އަޑީގައި

Aiminath Sarah
އައިމިނަތް ސާރާ
May 16, 2026, 03:53 PM
މާލެ ސިޓީ

މިދިޔަ ބުރާސްފަތި ދުވަހު ކަނޑުގެ 60 މީޓަރު އަޑީގައި ހިނގި ހިތާމަވެރި ހާދިސާގައި  ޑައިވަރެއް ނިޔާވެ އިތުރު ޑައިވަރުންތައް ތާށިވުމާއި ގުޅިގެން، ދިވެހި ކޯސްޓްގާޑުގެ ޑައިވަރުން ފުން ކަނޑުތަކަށް ފީނުމުގެ ތަމްރީނުތައް އިތުރަށް ވަރުގަދަކުރަން ނިންމައިފިއެވެ.

Advertisement

ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ވިދާޅުވީ، މިހާރު ސިފައިންގެ ޑައިވަރުން ތަމްރީނުވެފައި ތިބީ 50 މީޓަރާ ހަމައަށް ކަމަށް ވިޔަސް، މި ހާދިސާ ހިނގި ފުން މިނަށް ބަލައި 100 މީޓަރަށް ފީނުމުގެ ގާބިލްކަން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އިޓަލީގެ ފަސް ޑައިވަރުން ތާށިވި މި ހާދިސާގައި، އެކެއްގެ ހަށިގަނޑު ފެނިފައިވަނީ 60 މީޓަރު އަޑީގައި އޮތް 200 ފޫޓު ދިގު ހޮހޮޅައެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ވެސް ވީ އެ ހޮހޮޅައިގެ ތެރޭގައި ކަމަށް ބެލެވޭއިރު، އެމްއެންޑީއެފުން ބުނީ މިއީ ނުހަނު ނުރައްކާތެރި "ހައި ރިސްކް" އޮޕަރޭޝަނެއް ކަމަށެވެ.

މި މަސައްކަތަށް ބޭނުންވާ ޚާއްޞަ ސާމާނާއި އިތުރު ޑައިވަރުން މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، 100 މީޓަރަށް ޑައިވްކުރުމަށް ބޭނުންވާ ތަމްރީނުތަކުގެ ދެވަނަ ފިޔަވަހި މި މަހު ފަށާނެ ކަމަށެވެ. "މިއަހަރު ނިމުމުގެ ކުރިން އެއަށް ބޭނުންވާ މީހުން ތަމްރީނުކޮށް ކުރިއަށްގެންދެވޭތޯ މި ބަލަނީ،" އޭނާ ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމާ އެކުގައެވެ.

މިފަދަ ހާދިސާތައް ދިމާވުމުން ނޫނީ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އެއްވެސް މަސައްކަތެއް ދުރާލާ ނުކުރާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved