May 18, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ލޯންޗެއް ފަޅައިގެން ގޮސް ކަނޑުވި ހުރިހާ ދަރިވަރުން ސަލާމަތްކޮށްފި

Aiminath Sarah
އައިމިނަތް ސާރާ
May 18, 2026, 09:58 PM
މާލެ ސިޓީ

ޅ. މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް، އޭގައި ތިބި ދަރިވަރުންތަކެއް ކަނޑުވި ނުރައްކާތެރި ހާދިސާއެއްގައި އެންމެން ސަލާމަތްކޮށް މިރޭ މާލެ ގެނެސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ނޭޝަނަލް ސާވިސް ނުވަތަ ވަތަނީ ހިދުމަތުގެ އިނީޝަލް ޓްރެއިނިން ކޯސް-2 ނިންމި ދަރިވަރުންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗަކަށެވެ.

Advertisement

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 ކުދިންނާއެކު ދަތުރުކުރި މި ލޯންޗު ފަޅައިގެން ގޮސް ދިޔަވާން ފެށީ ހުޅުމާލެއާ ހިސާބަށް ފޯރި ފަހުންނެވެ. ލޯންޗު އަޑިއަށް ދާން ފެށުމުން އޭގައި ތިބި ހުރިހާ ކުދިން ވަނީ ކަނޑަށް ބާލާފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، "އެ ކުދިން އެހެން ލޯންޗުތަކަށް ނެގުމަށްފަހު މާލެއަށް ގެނައުމުގެ މަސައްކަތް ފަށައި، މިހާރު އެ ހުރިހާ ކުދިން ވެސް ވަނީ ރައްކާތެރިކަމާއެކު މާލެ ގެނެވިފައި" ކަމަށެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ލޯންޗުގެ ބައެއް އަޑިއަށް ގޮސްފައި އޮތްއިރު، ދަރިވަރުން ތިބީ ލައިފްޖެކްޓް އަޅައިގެން ކަނޑުމަތީގައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު އިރުއޮއްސި 18:04 ހާއިރެވެ. ހާދިސާ ހިނގިއިރު ލޯންޗުގައި ތިބި ކުދިންނަކީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ދެވަނަ ބުރު ނިންމި ބައިވެރިންނެވެ.

ދިވެހި ވަތަނީ ހިދުމަތުގެ މިފަހަރުގެ ބުރުގައި 112 ރަށަކުން ޖުމްލަ 343 ބައިވެރިން ދަސްވެނިވިއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 113 ކުދިންނާއި، 18 އަހަރުން މަތީގެ 230 ބައިވެރިން ހިމެނެއެވެ. މި ބެޗުގައި 280 ފިރިހެން ދަރިވަރުންނާއި 63 އަންހެން ދަރިވަރުން ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved