
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ލޮކޭޓްކުރެވިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ހިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓް ކޮށްފައިވާ ކަމަށެވެ.
ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ރާވާފައިވާކަމަށެވެ.
ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރުމަށް ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުން ހިމެނޭ ޓީމެއް ރާއްޖެ އަށް 17 މެއި ގައި ވަނި އައިސްފައެވެ. އެ ޑައިވަރުންގެ ޓީމު ރާއްޖެ އައިސްފައިވަނީ، އެކަމަށް ބޭނުންވާނެ އާލާތްތަކާއިވެސް އެކުގައެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފައެވެ. މި އޮޕަރޭޝަންގެ ތެރޭގައި ހާލުދެރަވެގެން ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.
މި ހާދިސާއާ ގުޅިގެން ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ، ޑައިވަރުން ދަތުރުކުރި އުޅަނދުގެ ލައިސަންސް ހިފަހައްޓާފައެވެ.










