ފޮރުވާނެ އެއްވެސް ކަމެއް ނުބާއްވާނެކަމަށް ވިދާޅުވި ރައީސްގެ ވެރިކަމުގައި ހައްތާވެސް ފޮރުވަންޖެހޭ ސިއްރުތައް! / ތޭރަގްރެފިކްސް
ރިޕޯޓު
ފޮރުވާނެ އެއްވެސް ކަމެއް ނުބާއްވާނެކަމަށް ވިދާޅުވި ރައީސްގެ ވެރިކަމުގައި ހައްތާވެސް ފޮރުވަންޖެހޭ ސިއްރުތައް!
Moosa Shizmee
މޫސާ ޝިޒްމީ
19 މާރިޗު 2024
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ.. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި ލ.ގަމަށް ވަޑައިގެން އެރަށުގައި ދެއްކެވި ވާހަކަފުޅުގައި ވަރަށް މުހިއްމު ސިޔާސަތެއް ހާމަކުރެއްވިއެވެ. ހާމަކަން ބޮޑު ރައްޔިތުންނަށް ދެފުށް ފެންނަ ސަރުކާރެއް ހިންގެވުމުގެ ސިޔާސަތެވެ. އެރޭ އޮތް ކެމްޕެއިން ޖަލްސާގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނެ ކަމަށެވެ. ރައްޔިތުންނާއި ނޫސްވެރިންނަށް ހުރިހާ ކަމެއް ހާމަކުރައްވާނެ ކަމަށެވެ.

މިފަދައިން އެއިރުގެ ޕީއެންސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ވިދާޅުވީ މާލެއާއި ވިލިމާލެ އަދި ތިލަފުށި ގުޅުވައިލާ ބުރިޖުގެ މަސައްކަތް ކުރުމަށް އިންޑިއާގެ އެފްކޮންސްއާއެކު ކުރީ ސަރުކާރުން ހެދި އެއްބަސްވުމާއި، އެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ސަރުކާރުން ސިއްރުކުރުމުން އެކަމަށް ފާޑުވިދާޅުވުމަށްފަހުއެވެ.

"ރައްޔިތުންނަށް، ނޫސްވެރިންނަށް ފޮރުވާނެ އެއްވެސް ކަމެއް ނުބާއްވާނަން. ރައްޔިތުންނަށް ކަންކަން ފޮރުވައިގެން ހަމަޖެހުމެއް ނާންނާނެ،"

- ރައީސް މުއިއްޒު ވިދާޅުވިއެވެ.

"ކޮން ކަމެއްތޯ ފޮރުވަން އޮތީ ރައްޔިތުންނަށް ހިދުމަތް ކުރަން އަންނަ ބަޔަކު. އަޅުގަނޑުގެ ވެރިކަމެއްގައި ފޮރުވާނެ ކަމެއް ނޯންނާނެ."

- ކަމެއް ނުފޮރުއްވާނެކަމުގެ ޔަގީންކަން އިތުރަށް ދެއްވަމުން ވިދާޅުވިއެވެ.

ނަމަވެސް ރައީސްގެ ވެރިކަމަށް 4 މަސްދުވަސް ފާއިތުވިއިރު ގިނަ އަދަދެއްގެ މައުލޫމާތު ސަރުކާރުން އަންނަނީ ސިއްރުކޮށް ހިފަހައްޓަމުންނެވެ. އެގޮތުން ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހިނގާ ޚަރަދު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދުމުން ސަރުކާރުން ސިއްރުކޮށްފައިވެއެވެ. މި މައުލޫމާތަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ވަކިވަކި ވުޒާރާތަކުން ހާމަކުރި މައުލޫމާތެވެ.

އޭގެ އިތުރަށް މި ސަރުކާރުން އެކި ފަރާތްތަކާއެކު ހަދަމުންދާ ވިޔަފާރީގެ އެއްބަސްވުންތައްވެސް ސަރުކާރުން އަންނަނީ ސިއްރުކުރަމުންނެވެ. ބިދޭސީ ކުންފުންޏަކަށް މާލެ ސަރަހައްދުން އަގުބޮޑު 90 ހެކްޓަރުގެ ބިން ދޭ ގޮތަށް ފުށިދިއްގަރުފަޅު ހިއްކުމަށް ހެދި އެއްބަސްވުމާއި، ތުރުކީވިލާތުން ޑްރޯނު ގަތުމަށް އެ ޤައުމުގެ ރައީސްގެ ދަނބިދަރިފުޅުގެ ކުންފުންޏާއެކު ހެދި އެއްބަސްވުން މި ސަރުކާރުންވަނީ ސިއްރުކޮށްފައެވެ.

އަދި އޭގެ އިތުރަށްވެސް ގިނަގުނަ މުއާމަލާތްތައް ސަރުކާރުން ހިންގަނީ ސިއްރުންނެވެ. އެއިން އެއްވެސް މުއާމަލާތަކާ ގުޅޭ މައުލޫމާތު ހާމަނުކުރެއެވެ. އެއިން އެއްބަސްވުމެއް ބަލައިލަން ނޫސްވެރިޔަކަށް ފުރުސަތު ނުދެއެވެ. ނަމަވެސް ސަރުކާރަށް ފާޑުކިޔާ ނޫސްތަކުގައި ތިބި ނޫސްވެރިންނަށް ސަރުކާރުގެ އެކި ފަންތީގެ ވަޒީފާތަކާއި ބޮޑެތި މުސާރަތައް ހުށަހަޅައިގެން އެމީހުން ނޫސްވެރިކަމުން ދުރުކޮށް ސަރުކާރަށް އަޅުދާސްކުރަމުން ގެންދެއެވެ.

ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގެން ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ އާރުޓީއައި ލައިގެން މައުލޫމާތު ހޯދަންނުޖެހޭ މިންވަރަށް އެމަނިކުފާނުގެ ސަރުކާރެއްގައި މައުލޫމާތު ހާމަކުރާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ކުރިން އާރުޓީއައި ލައިގެން ލިބެމުންއައި މައުލޫމާތުތައްވެސް ލިބުން އެކީވަނީ ހުއްޓިފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved