ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާހިރު / ރާއްޖެއެމްވީ
ސިޔާސީ
ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ކުރުން ލަސްވުމާއި ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރު
Hussain Nawaf
ހުސައިން ނަވާފް
07 އޭޕްރީލު 2025

ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ލަސް ކުރާތީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.

މިއަދު ރިޔާސަތުގައި އިންނެވި ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މައުރޫފް ހުށަހެޅުއްވި މައްސަލައަކީ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.

މައުރޫފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ސަހްޔޫނީ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރާނެ ކަމަށް ސަރުކާރުން ޖޫން، 2024، ގައި އިއުލާނު ކުރި ނަމަވެސް އެކަން ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.

އެގޮތުން ސަހްޔޫނީންގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އައުން މަނާކުރުމަށް، 2 ޖޫން 2024 ގައި އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހެޅުމާއެކު، ހަމަ އެދުވަހުގެ ވަގުތެއްގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަވައި، އިސްރާއީލުގެ ޕާސްޕޯޓު މަނާ ކުރުމަށް ސަރުކާރުން ނިންމަވައިފައިވާކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް، މިއަދާ ހަމައަށް މިކަމުގައި އަމަލީ ސިފަ ޖެއްސުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މަސައްކަތެއް ކުރަމުންދާކަމަކަށް ނުފެންނަކަމަށް އެ ގަރާރުގައިވަނީ ފާހަގަ ކުރައްވާފައެވެ.

ސަރުކާރުން ބޭނުންވާ ބިލުތަކެއް އިންތިހާ އަވަހަށް ކުރިއަށްގެންދާއިރު ވެސް ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް މަޖިލީހުން ކުރިއަށްނުގެންދާތީ އެކަން ވެސް މައުރޫފް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ސަހްޔޫނީ ޕާސްޕޯޓް މަނާކުރުން އަވަސްނުކޮށް ލަސް ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމުންދަނީ ފާޑު ކިޔަމުންކަން ފާހަގަކޮށްލެވެ އެވެ. އަދި ސަރުކާރުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ބުނެ ޖެއްސީ ސްޓަންްޓެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެ އެވެ.

އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރިކަމަށް ދައުލަތުުން ބުނެ ދޮގު ހެދި ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ސަހްޔޫނީންގެ 2000 އާއި ގާތް ކުރާ މީހުން ރާއްޖެ އެތެރެވިކަން މީގެ ކުރިން ހާމަވެފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved