ހަގީގީ މާނައިގައި ދިވެހީންގެރާއްޖެއަށް ވާސިލްވެވިއްޖެތަ؟ / ތޭރަގްރެފިކްސް
ރިޕޯޓު
ހަގީގީ މާނައިގައި ދިވެހީންގެރާއްޖެއަށް ވާސިލްވެވިއްޖެތަ؟
Aishath Naja
އައިޝަތު ނަޖާ
19 މާރިޗު 2024
މާލެ ސިޓީ

ދިވެހީން ގޮވައިގެން ދިވެހީންގެރާއްޖެއަަކަށް މިސްރާބް ބެހެއްޓި ސަރުކާރުގެ ވެރިކަމުގައި ދިވެހިންނަށް ދިވެހީންގެރާއްޖެއަށް ދެވިއްޖެބާއޭ މިއީ އުފެދޭ ސުވާލެކެވެ. ނަމެއްގައި ކަންކަން ބަޔަކު ކޮށް ނިންމާފައި ދެން ކިޔާ އަޑު އިވެނީ ދިވެހީންގެރާއްޖެ އަށް ދެވިއްޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު "ދިވެހީންގެރާއްޖެ" މި ޝިއާރު ބޭނުންކޮށްގެން ވެރިކަން ހާސިލްކޮށްފައިވެއެވެ. މި ޝިއާރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝިއާރެއްކަމާ އެ ޝިއާރުގެ މައިގަނޑު މަގްސަދު ބަޔަކު މިއަދު ހަނދާން ނެތިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ބޮޑު ގޮނޑި ފެނުމުން ހުރިހާ އެންމެނަށް ވެސް އެހެން ކަން ކުރަން މަޖުބޫރުވީއެވެ.

ދިވެހީންގެރާއްޖޭގައި އެެހެން ބަޔަކު ތިބޭކަށް އެއްވެސް ދިވެެއްސެއް ނޭދޭނެކަން ޔަގީނެވެ. އިންޑިޔާގެ ސިފައިން މި ގައުމުން ފައްސާލަން ވަރަށް މަސައްކަތް ކުރައްވާނަމޭ އޭރު ކެމްޕެއިން ދުވަސްވަރު އަޑުހަރުކޮށް ބަޔަކު މީހުން ވިދާޅުވިއެވެ. ނަމަވެސް އެމީހުން ފޮނުވާލާފިއްޔާ ޑޯނިޔާ ދުއްވާނެ މީހެއް ނުހުންނާނޭ ކީ އަޑުވެސް އިވުނެވެ. މިއަދު ކީއްިކުރާ ޑޯނިޔާއެއްހެއްޔެވެ؟ ބަލި މީހުން އުފުލަން އެއާ އެމްބިޔުލާންސެއް އެބައޮތެވެ. ކަނޑުގެ ސަރަހައްދުތައް ބަލަހައްޓަން ވައިގެ އަސްކަރިއްޔާ އަކާއި ޑްރޯންތައް އެބްހުއްޓެވެ. ދިވެހީންނަށް ދިވެހީންގެރާއްޖެ ބެލެހެއްޓޭނެކަން ސާބިތުވެއްޖެއެވެ. ދެން އެހެންވީމާ އިންޑިޔާގެ ސިފައިން މިތަނުގައި މަދަނީންގެ ގޮތުގައިވެސް ތިބެވެންޖެހޭ ހެއްޔެވެ.؟

ދިވެހީންގެރާއްޖެ އަކަށް ދިވެހީން ގޮވައިގެން ދަތުރު ފެއްޓެވި ތަރައްގީގެ ބާނީގެ ވާހަަކަ ނުދައްކަވާ މި ރިޕޯޓް ފުރިހަމަ ނުވާނެކަން ޔަގީނެވެ.ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފޮޓޯ ފުޅާ، އެމަނިކުފާނުގެ ނަންފުޅާ، އެމަނިކުފާނުގެ ޝިއާރު ބޭނުންކޮށްގެން ވެރިކަމަށް އައީ އެމަނިކުފާނު މިނިވަންކުރައްވާނެކަމަށް ވިދާޅުވެއެވެ. ނަމަވެސް އަދިވެސް އެމަނިކުފާނު ހުންނެވީ ނުހައްގު ޖަލު ހުކުމެއްގައެވެ. އޭރު އެމަނިކުފާނު ހުންނެވީ ހަރާން ހުކުމެއްގައި ކަމަށް ވިދާޅުވި ސަރުކާރުގެ ބައެއް ފަރާތްތަކުގެ ރާގު މުޅިން އޮޅި ފޮޅިވެ ޖަލު ހުކުމް ކިޔަން ފަށައިފިއެވެ. އެވެރިޔާ މިނިވަން ކުރުމަށްޓަަކައި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އިރު ޝަރުއީ ނިޒާމްގައި އޮތީ ކަސްތޮޅު އެޅިފައެވެ. އަޑުހަރުކޮށް އެމަނިކުފާނު މިނިވަންވާނީ އަދުގެ ސަރުކާރުގައި ކަމަށް ވިދާޅުވިއިރު، މިއަދު ކުޑަ މިނުން ކޯޓްތަކުގައި އެމަނިކުފާނުގެ އަޑުއެހުންވެސް ތާވަލްނުވެއެވެ. އެކަމަށް ބަޔަކު ބާރު އަޅާ މަންޒަރުވެސް ނުފެނެއެވެ.

ދެން އޮތް އަނެއްކަމަކީ ދިވެހީންގެރާއްޖޭގައި މަތިބަރު ސަރުކާރެއް ނޯންނާނެ ކަމަށް ބަޔަކު މީހުން ކޫ ކޫ ލައްވަމުން ވިދާޅުވި ވާހަކައެވެ. މިއަދު މިއޮތީ ނަމެއްގައި ދިވެހީންގެރާއްޖެއެކެވެ. މަތި ބަރޭ ބުންޏަސް މަތިބަރު ސަރުކާރެކެވެ. ޑެޕިޔުޓީން އައްޔަންކޮށްކޮށް މަތި ވަރަކަށް ބަރުކޮށްފިއެވެ. އެމީހުންނަށް ކޮންމެ މަހަކު ދޭ މުސާރަަ އަކީ ރައްޔިތުންގެ ޓެކްސް ފައިސާ ކަމެއް ނޭނގެނީތާއެވެ. އޭރުގައި ބަޔަކު ކުރީ ސަރުކާރަށް ޖޯކު ޖެހިއެވެ. ވެރިކަމަށް ރަނގަަޅަށް ހަފްތާއެއް ނުވަނީހެން ފެނުނީ ޖެހުނު މީހަކު ޑެޕިޔުޓީ މިނިސްޓަރުންނަށް އައްޔަންކުރެއްވި މަންޒަރެެވެ. މި ސަރުކާރުގެ އެންމެ ބޮޑު އެއް ޖޯކެވެ.

ތަކެތީގެ އަގުހެޔޮ ވާނީ ދިވެހިންގެރާއްޖޭގަޔޭ ބަޔަކު މީހުން އޭރުގައި ބުނި އަޑުއިވުނެވެ. މިއަދު ތަކެތީގެ އަގު ހެޔޮ ނޫނީ މިއީ ދިވެހީންގެރާއްޖެ ނޫންވީމާ ކަމަށްވެދާނެއެވެ. އޭރުގައި ވެސް ތަކެތި ގަން އަގުތަކަށް މިއަދުވެސް ނިކަމެތި ރައްޔިތު މީހާ ގަންނަން ޖެހެއެވެ. އެއްވެސް ބަދަލެއްނެތެވެ.

ދިވެހީންގެރާއްޖޭގައި ތަރައްގީގެ ސްޕީޑް އުޅޭނެ ހިސާބެއްވެސް ނޭނގޭނެއޭ ކީ އަޑުތައް އަދިވެސް ކަންފަތުގައި ގުގުމާލައެެވެ. އެހެންކަމުގައި ވާނަމަ، މިއަދު ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައި މިއޮތީ ކީއްވެތޯއެވެ؟ ތަރައްގީ ކުރުމަށްޓަކައި ބަޖެޓުން ބޭރުން ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވާ އަޑުއިވެއެވެ، އެއީ ދެން އެންމެ މޮޅު ގޮތް ހެއްޔެވެ؟ މިތަނުގައި ކުރާ ތަރައްގީއެއްވެސް ނުފެނެއެވެ.

ކަންކަން މިހެން ހުރިއިރު،ހަގީގީ މާނާއިގައި ދިވެހީންގެރާއްޖެއަށް ވާސިލްވެވިއްޖެތޯ؟

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved