20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވ.ކެޔޮދޫ ދާއިރާގެ ގޮނޑިއަށް ޕީއެންއެފްގެ ފަރާތުން ވާދަކުރާ އާއިޝަތު އަފްނާންގެ ނަން ކެންޑިޑޭޓުންގެ ލިސްޓުގައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފި އެވެ.
އީސީއިން މިހެން ބުނީ އަފްނާންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީއިން ނިންމީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ދެކޮޅަށް ކެންޑިޑޭޓުންގެ ލިސްޓުގައި އޭނާ ނެތް ކަމަށް ބުނެ އަފްނާން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
އަފުނާން ހިއްސާކުރި ކެންޑިޑޭޓުންގެ ލިސްޓުގައި އޭރު އޭނާގެ ނަމެއް ނެތްކަން ފާހަގަކޮށްލެވެއެވެ.
އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، އީސީގެ ރަސްމީ ކެންޑިޑޭޓުންގެ ލިސްޓުގައި އަފުނާން ގެ ނަން އޮންނާނެ ކަމަށާއި އެކަން އޭނާއަށް އަންގާ ރަސްމީ ގްރޫޕުތަކަށް ވެސް ވައްދާފައިވާނެ ކަމަށެވެ.
ހަސަން ވިދާޅުވީ މިހާރު އެ މައްސަލަ ހައްލުކޮށް ވެބްސައިޓުން ވެސް އަފުނާންގެ ނަން ކެންޑިޑޭޓުންގެ ލިސްޓުން ފެންނާނެ ކަމަށެވެ. އަދި، ސުޕްރީމް ކޯޓުގެ ހުކުމާ ދެކޮޅަށް ކެންޑިޑޭޓެއްގެ ނަން ލިސްޓުން އުނިކުރުމަކީ އީސީއިން ގަބޫލުކުރާ އަދި އަމަލުކުރާނެ ގޮތް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.