
ބަރަކާތްތެރި އަޟްހާ އީދުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަރިސް ކުރައްވައި އިސްލާމީ އުއްމަތަށް ޖެހިފައިވާ މުސީބާތްތަކުން ސަލާމަތްކުރެއްވުމަށް އެދި ދުއާކުރުމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެދިވަޑައިގެންފިއެވެ.
ރައީސް ޔާމީންއާ އެމަނިކުފާނުގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ދިވެހި އެންމެހާ ރައްޔިތުންނަށް ފިތުރު އީދުގެ ތަހުނިޔާ އަރިސްކުރައްވާ ފޮނުއްވި މެސެޖުގައި ވަނީ، އެމަނިކުފާނާ އަދި އާއިލާގެ ނަމުގައި އީދުގެ ހެޔޮ އެދުމާ މުބާރަކުބާދު ރައްޔިތުންނަށް އަރިސް ކުރައްވާފައިވެއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ، ހައްޖުގެ މަތިވެރި އަޅުކަމުގެ ބަރަކާތާ އެކު ހުރިހާ ރައްޔިތުންނާ އީދު ބައްދަލުކުރާއިރު ވީހާވެސް ގިނައިން ހެޔޮ އަމަލުތައް ގިނަ ކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މިއަދަކީ މުޅި އިސްލާމީ އުންމަތަށް އައި ވަރަށް ބަރަކާތްތެރި، އުފާވެރި ދުވަހެއް ކަމާ އަޟްހާ އީދަކީ ކިޔަމަންތެރިކަމާއި، ގުރުބާނީގެ މަތިވެރި ހަނދާންތަކެއް އާކޮށްދޭ މުނާސަބަތެއްކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ޚާއްސަކޮށް އިބްރާހީމްގެފާނުގެ މަތިވެރި ގުރުބާނީގެ ވާހަކަ އަޅުގަނޑުމެންގެ ހިތްތަކަށް މި ދުވަހު ގެނެސްދޭ ކަންވެސް ފާހަގަކުރައްވާ މިއީ އެކަކު އަނެކަކަށް އަޅާލާ، އާއިލީ ގުޅުންތައް ބަދަހިކޮށް، އެކުވެރިކަން އާލާކުރަންވީ ވަގުތު ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އީދުގެ އުފާ ގިނަ މުސްލިމުން ލިބިގަންނަމުންދާއިރު، އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިން ހަނދާންކޮށް ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވަމުން ގެންދާ އަނިޔާއިން އެ މުސްލިމު އަޚުންނާ އުޚުތުން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ.










