20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ފަރާތުން ވާދަ ކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅީ އެނގިފައިވާ ގޮތުން ޕްރައިމަރީއަކުންނެވެ.
ނަމަވެސް އޭގެ ފަހުން ރައީސް ވަކި ވަކި ދާއިރާތަކަށް އެހެން ކެންޑިޑޭޓުން ނެރެމުންދާ ކަމުގެ އަޑުތައް ގަދަވެ ޓިކެޓު ލިބިފައި ތިބި ކެންޑިޑޭޓުން ވެސް އެކަމާ ނުރުހިގެން އުޅުނު އަޑުތައް ގަދަވިއެވެ. ނަމަވެސް އެކަން ޕީއެންސީއިން އޭރު ދިޔައި ދޮގު ކުރަމުންނެވެ.
ކަންމިހެން އޮތް ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި އެކި ދާއިރާތަކަށް ޓިކެޓު ދީފައި ތިބި ކެންޑިޑޭޓުންގެ ބަދަލުގައި އެހެން ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ވެސް ސަރުކާރުން ވަނީ ފަށަފައެވެ.
އެގޮތުން ސަރުކާރުގެ ވަޒީރުންވެސް ފޮނުވައިގެން ބައެއް އެހެން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދަނީ މަސައްކަތްކޮށް ކެމްޕެއިން ކުރަމުންނެވެ.
އެގޮތުން ތިމަރަފުށި ދާއިރާއަށް ޕިއެންސީ ޓިކެޓު އިބްރާހިމު ސަނާހުއަށް ދިނުމަށްފަހު ސަރުކާރުން ވަނީ މިހާރު އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ބޭބެއަކި ސަރުކާރުގެ ކެންޑިޑޭޓުކަމަށް ބުނެ ކެމްޕެއިން ކުރަން ފަށާފައެވެ.
ފޮނަދޫ ދާއިރާއަށް ޕީއެންސީ ޓިކެޓުގައި ވާދަކުރާ އެ ޕާޓީގެ ޗެއަރޕާސަން އަދި މި ސަރުކާރުގެ އިސް ވަޒީރު ވިދާޅުވާ ގޮތުގައި އަހުމަދު ރިޔާޒުއަކީ ތިމަރަފުށީ ދާއިރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު ލިބިފައިވާ ކެންޑިޑޭތޓެވެ. އެހެން ކަމަށް ވަނީ ނަމަ ސަނާހުއަށް ދީފައި އޮތް ޓިކެޓުގެ ބޭނުމަކީ ހަމައެކަނި ދައްކާލުމެއް ބާއެވެ؟
ސަރުކާރު ކެންޑިޑޭޓު ސަރުކާރު ކެންޑިޑޓު، މި ނޫން އަޑެއް ނީވެއެވެ. ނަމަވެސް ސުވާލަކީ ސަރުކާރުން ދާއިރާއަކަށް ނެރެނީ ކިޔތައް ކެންޑިޑޭޓުން ބާއެވެ؟
އަދުރޭ އަކީ ވެސް ހުދު ކެންޑިޑޭޓަކަށް ވާއިރު އަދުރޭ އަށް އެހެން ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ގޮސް ރައީސްގެ ތާއީދު އޮތީ މިވެނި ކެންޑިޑޭޓަކަށޭ ކިޔާ ވާހަކަ ދެއްކުން އެއީ ޑިމޮކްރެޓިކު އުސޫލުން ބަލާނަމަ އިންސާފު ވެރި ގޮތެއް ބާއެވެ؟
އެހެންކަމުން ސަރުކާރުން މި ހަދާ ނުހަދާ ނޭނގި ރައްޔިތުން މިހާރު ވާނުވާގައި ތިބެން މިވަނީ ޖެހިފައެވެ. ވާނުވާ ބަންދު އުވާލަން އައިސް މިހާރު ރައްޔިތުން މިވަނީ ވާނުވާގައި ބައިތިއްބާފައެވެ.
ސަރުކާރުގެ ކެންޑިޑޭޓުން ދެން ރައްޔިތުންނަށް ވަކި ކުރަން ނޭނގުމަކީ މި ފަހަރުގެ އިންތިހާބުގައި ބޮޑު ތަނުން ސަރުކާރު ފެއިލްވާން މަގު ފަހިވެ އަމިއްލަ އަތުން އަމިއްލަ ކަށްވަޅު ކޮނުމެވެ.