

މިއި ރައްޔިތުންނަށް ވަރަސް ގިނަ ވައުދުތަކާ އެކު އައި އުއްމީދުން ފުރާލި ސަރުކާރެކެވެ. ނަމަވެސް ސަރުކާރު އައިސް މާ ގިނަ ދުވަހެއް ނުވެ ރައްޔިތުންގެ އިތުބާރު މުޅި ސަރުކާރަށް ގެއްލިގެން ދިޔައެވެ.
ސަބަބުތައް ބައިވަރެވެ. އެގޮތުން މި ސަރުކާރުން އެންމެ ގިނައިން ވީ އެއް ވައުދަކީ ވަޒީފާގެ ބިރުވެރިކަން ނައްތާލާ ވަޒީފާގެ ބާޒާރު ތިޔާގި ކުރާނެ ކަމުގެ ވައުދެވެ. ޒުވާނުންނާ އަދި ވެސް ހަރު ކުލައިގެ މީހުން އަތް ޖަހަމުން ގެންދިޔައީ ކުޑަ ހުޅުން ނެއްޓޭ ވަރަށެވެ. ނުޖަހާނެ ސަބަބެއް ވެސް ނެތްތާއެވެ.
ރައީސް ޔާމީންގެ ލެގަސީ ދަމަހައްޓަން އެމަނިކުފާނުގެ ފޮޓޯއާ ހުސް ގޮނޑި އަދި ނަންވެސް ބޭނުންކޮށްގެން ކެމްޕެއިން ކުރމަުން ގެންދިއުމުން ރައްޔިތުންނަށް ހީވީ ރައީސް ޔާމީންގެ ރޮކެޓު ސްޕީޑު ކަންކަމުގައި ފެނިގެން ދާނެ ކަމަށް ވިއްޔާއެވެ.
ނަސީބުކަން ދިމާކުރި ގޮތުން އިންތިހާބު ކާމިޔާބުވެ ސަރުކާރު އުފެދިގެން އައީ ދިވެހީންގެ ރާއްޖެއަށް މަރުހަބާ ކިޔަމުންނެވެ. އެހެން ނަމަވެސް ދިވެހީންގެ ރާއްޖޭގައި ކަންކަން ވެގެން ދަނީ ކުރިން ހީކުރި ގޮތާ މުޅިން ޚިލާފަށް ކަމަށް ބުނަން ޖެހެނީ ހިތާމައާ އެކުއެވެ.
ވަޒީފާތައް ދޭނެ ކަމަށް ބުނެ ކެމްޕެއިނަށް ނެރުނު ކުދިން އަދިވެސް ތިބި ވަޒީތަކުގެ އިންތިޒާރުގައެވެ. ވަޒީފާއިން ނުކަނޑާނެ ކަމަށް ބުނެ ދިން އުއްމީދާ އެކު ތިއްބާ ރޯދަމަހާ ދިމާކޮށް އެކަނިވެސް އެތައް އާއިލާއެއް ބިކަ ކޮށްލީ ވަޒީފާތަކުގައި ތިބި މީހުން ކަނޑަމުންނެވެ. ކުރީ ސަރުކާރުގެ ބޯޑު އަޅުވައިގެން މިއީ ކަން ކުރަން އެންމެ އިންސާފުވެރި ގޮތެެއް ނޫނެވެ.
ނުރުހޭ މީހާ ވަކިކުރުމަށް ފަހު ރައްޔިތުން އެކަން މަތިން ހަނދާން ނެތޭހާ ދުވަސް ފަހުން ރުހޭ މީހުންނަށް ވަޒީފާތައް ދެނީ ދިވެހިންނަކީ ގަމާރުން ކަމަށް ހީކޮށެވެ. ނަމަވެސް މިހާރު ދިވެހިން އެއަށް ވުރެ މާ ހުށިޔާރެވެ.
ރައީސް ޔާމީންއަކީ މި ގައުމުގައި އެއް ލައްކަ އަށް ވުރެ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވި ވެރިއެއްކަމުން އެމަނިކުފާނުގެ ފަހަތްޕުޅުން ވެރިކަމަށް އައި ބއެއްގެ ސަރުކާރަކީ ވެސް އެ ގާބިލުކަން ހުންނާނެ ސަރުކާރެއްކަން ޔަގީން ކުރި އެތައް ބަޔަކު ތިއްބެވެ.
ނަމަވެސް ފެނިގެން ދިޔައީ ކުރިން ބުނި ހުރިހާ އެއްޗެއް ކެންސަލް ކުރަމުން ދާން ފެށި މަންޒަރެވެ.
ވަޒީފާގެ ބާޒާރު ތިޔާގީވީ ވަކި ބަޔަކަށެވެ. އިސް ވަޒީރަށާ ޕޫރީ ޚާންދަނަށް އައި އީދެއް ފަދައެވެ. އިސް ވަޒީރުގެ އެންގުމަށް ވަޒީފާ ނުދީފި ނަމަވެސް އެސްއޯއީތަކުގެ އެމްޑީއިންނާ މިނިސްޓްރީތަކުގެ ވެރިންވެސް ކަތިލަނީ ފެންދީފައެވެ. މާނައަކީ އިސް ވަޒީރު އަބްދުއްރަހީމު އެދޭ ބަޔަކަށް މެނުވީ މި ސަރުކާރުގެ ތެރެއިން ފޮޅާ ސާފު ކުރާ މީހެއްގެ ވަޒީފަ ވެސް ހޯދުން އޮތީ އުނދަގޫ ކަމަކަށް ވެފައޭއެވެ.
މިއީ މީގެ ކުރިން އެމްޑީޕީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ މީހެއްގެ ވާހަކައެވެ. އިންސާފު އާ ޑިމޮކްރެސީގެ ރީތި މިސާލުގެ ވާހަކަ އެންމެ ބާރަށް ދެއްކި މީހެއްގެ ވާހަކައެވެ.
ބޭނުން މީހަކަށް ބޭނުން ވަޒީފާއެއް ނުދިނުމުން ޖެހިގެން އަންނަ ދުވަހު މާކަނާ ތުން ގަނޑަށްވުރެ ތުން ދިިގު ކޮށް ގޮސް އިންނަނީ އަރާ އިރާ އެކު ރައީސް އޮފީހުގައެވެ. ޝަކުވާ ބޮނޑި ހިފައިގެންނެވެ. އެހާހިސާބުން އެ މީހަކު ކަތިލުމުގެ މަރުހަލާ ފަށައެވެ.
އުފެއްދުންތެރިކަން އިތުރު ކުރަން ނޭނޭ ސަރުކާރެއްކަން ފެންނަން އޮތްއިރު ދެން ފެނިގެން މިދަނީ މި ސަރުކާރުން އަމަލު ކުރާ ނާއިންސާފުވެރި ގޮތެވެ. ވަޒީފާ ދޭނެ ކަމަށް ބުނެ ކެމްޕެއިނަށް ނެރުނު ކުދިން ކޮޅުވެސް މާޔޫސްވެ ރަށު ތެރޭގައި އޮއިސާލި ވައިސާލިއަށް އެނބުރެނީއެވެ. ވަޒީފާއާ ކިޔާ އެކުދިންނަސް ދެއްކީ ދަޅައެކެވެ. ވަޒީފާތައް ބަހާލީ ވަކި ބަޔަކު ބޭނުންވާ ގޮތަށެވެ.