June 13, 2026
Advertisement
ރަސްމީ މަސްއޫލިއްޔަތުގެ ބޭރުން މަސައްކަތްކުރުވާތީ ނަރުހުންގެ ކަންބޮޑުވުން!
ރަސްމީ މަސްއޫލިއްޔަތުގެ ބޭރުން މަސައްކަތްކުރުވާތީ ނަރުހުންގެ ކަންބޮޑުވުން! / igmh

ރަސްމީ މަސްއޫލިއްޔަތުގެ ބޭރުން މަސައްކަތްކުރުވާތީ ނަރުހުންގެ ކަންބޮޑުވުން!

Jun 13, 2026, 01:47 PM
މާލެ ސިޓީ

ރަސްމީ މަސްއޫލިއްޔަތުގެ ތެރޭގައި ނުހިމެނޭ މަސައްކަތްތައް ނަރުހުން ލައްވާ ކުރުވަމުންދާތީ، އެކަމާ މެދު، މޯލްޑިވްސް ނާސެސް އެސޯސިއޭޝަން (އެމްއެންއޭ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement

ނަރުހުންގެ ދުވަހާ ދިމާކޮށް އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިއްހީ ހިދުމަތް ދިނުން ނޫން އެހެން މަސައްކަތްތައް ކުރާ މުއައްސަސާތަކުގައި ނަރުހުންގެ މަގާމުތަކަށް އިއުލާން ކުރާއިރު، ނަރުހުންގެ މަސައްކަތާ ނުގުޅޭ އިތުރު ޒިންމާތައް ހިމަނައިގެން އިއުލާން ކުރާ މިންވަރު އިތުރުވަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ހާއްސަކޮށް، ސިއްހީ ހިދުމަތްދޭ މަރުކަޒެއް ނުވަތަ ސިއްހީ މުވައްޒަފަކު ހުރުން ލާޒިމުވާ ތަންތަނުގައި، އެ ޝަރުތު ފުރިހަމަކުރުމަށް ނަރުހުން ވަޒީފާއަށް ނެގުމަށްފަހު، އެހެން ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ނަރުހުން ލައްވާ ކުރުވަމުންދާ ކަމަށް ބުނެ  އެމްއެންއޭ އިން ވަނީ އެފަދަ އަމަލުތަކަކީ ނަރުހުންގެ ފަންނީ މަސައްކަތުގެ އަގު ވަޒަންނުކުރުމުގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އޭގެ ސަބަބުން އެކަށީގެންވާ އުޖޫރައަކާ ނުލައި ނަރުހުންނަށް ބުރަ ބޮޑުވެގެންދާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނާސިންގް އަކީ ވަކި ހާއްސަ އިލްމަކާއި ހުނަރެއްގެ މައްޗަށް ބިނާވެފައިވާ، ހަރުދަނާ އުސޫލުތަކަކާއި ޒިންމާތަކެއް އޮންނަ ފަންނީ ދާއިރާއެއްކަން ފާހަގަކުރަމުން އެމްއެންއޭ އިން ބުނީ، ނަރުހެއްގެ ދައުރަކީ ކްލިނިކަލް ނޫން މަގާމުތަކާ ބަދަލުކުރެވޭނެ ދައުރެއް ނޫން ކަމަށެވެ. އަދި ނަރުހުންގެ ވަޒީފާގެ ބަޔާންތައް (ޖޮބް ޑިސްކްރިޕްޝަން) ކަނޑައަޅާފައި ވަނީ ބަލިމީހުންގެ ސަލާމަތާއި، ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

އެހެންކަމުން، މިނިސްޓްރީ އޮފް ހެލްތާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ހިއުމަން ރިސޯސް ޑިޕާޓްމަންޓްތަކުން ނަރުހުންގެ ވަޒީފާގެ ބަޔާންތަކާއި މަސައްކަތުގެ އުސޫލުތައް މުރާޖާކުރުމަށް އެމްއެންއޭގެ ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި އެހެން ދާއިރާތަކުގެ މުވައްޒަފުން މަދުވުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމަށް ނަރުހުން ބޭނުން ނުކުރުމަށާއި، އިތުރު މަސައްކަތެއް ކުރަންޖެހޭ ހާލަތެއްގައި އެކަން ސާފުކޮށް އެނގެން އޮތުމާއެކު އެކަށީގެންވާ އުޖޫރައެއް ދިނުމަށްވެސް އެމްއެންއޭގެ އެ ބަޔާނުގައި އެދިފައިވެއެވެ.

މީގެ އިތުރުން، ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ނަރުހުންނަށްވެސް އެ މީހެއްގެ ތައުލީމީ ފެންވަރާއި، ތަޖުރިބާއާއި، އުފުލާ ޒިންމާއަށް ބަލައި ހަމަހަމަ އުޖޫރައެއް ކަނޑައެޅުމަށްޓަކައި ނޭޝަނަލް މިނިމަމް ސެލަރީ ސްކޭލްއެއް އެކުލަވާލުމަށްވެސް އެ ޖަމްއިއްޔާއިން ވަނީ ވަކާލާތުކޮށްފައެވެ.

މޯލްޑިވްސް ނާސެސް އެސޯސިއޭޝަނުން ބަޔާން ނިންމާލަމުން ބުނެފައިވަނީ، "ނަރުހުންގެ ފަންނަށް އިހުތިރާމްކޮށް، އެ ފަންނުގެ މިންގަނޑުތައް ހިފެހެއްޓުމަކީ މުޅި މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް" ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved