ދިވެހިރާއްޖޭގެ އިގުތިސާދު މިއަދު ވެއްޓިފައި މި އޮތީ ބޮޑު އަނދަވަޅަކަށް ކަމަށް އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު އަބަދުވެސް ވިދާޅުވައެވެ. ނަމަވެސް ވަޅުގަނޑު ފުން ކުރަނީ ވެސް ޚުދު އެމަނިކުފާނެވެ.
އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމުން ފޭބީ ގައުމު އެއްކޮށް ދަވާލާފައި އޭ ކިޔާ ޕޯޑިއަމްތަކުގައި ހަޅޭލެވި ގިނަ ފަރާތްތަކުން މިއަދު ހަމަ ހުރީ ހަނެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު އިގުތިސާދުގައި ހުރި މައްސަލަތައް ބައިވަރެވެ. އެންމެ ބޮޑު މައްސަލައަކަށް ޑޮލަރު ތާށިކަމެވެ. އަނެއް ކަމަކަށް ބިޔަ އިންވެސްޓުމަންޓުތަކަށް ބޭނުންވާ ފައިސާ އެތެރޭގެ މާލީ ނިޒާމުން ނުލިބޭ މައްސަލަ އާއި ބޭންކުތަކުގެ ލިކުއިޑިޓީ މައްސަލަ އެވެ. މި ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑު ކަމަކަށް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންދާ ދައުލަތުގެ ކޮޅެއް މެދެއް ނުފެންނަ ހިސާބަށް އިތުރުވެފައިވާ ދަރަންޏެވެ.
ދައުލަތުގެ ޖުމްލަ ދަރަނި މި ވަގުތު ހުރީ މުޅި ގައުމުގެ އުފެއްދުންތެރިކަމަށް ވުރެ މަތީގަ އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ޑެޓް ބުލެޓިންގައިވާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ އަދަދަކީ 124 ބިލިއަން ރުފިޔާ އެވެ. މިއީ މިވަރުުގެ ގައުމަކާ އަޅާ ބަލާއިރު މާ ބޮޑު އަދަދެއް ކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ.
ދެން އަނެއްކާ އަނެއްކަމަށް ބަލާއިރު، އިދިކޮޅުގައި ތިބި ދުވަސްވަރު މި ސަރުކާރުގައި ތިބި މީހުން އެންމެ ފާޑުކީ އެއް ކަމަކީ ކުރީ ސަރުކާރުގެ މަތިބަރުވުމެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ މަތިބަރު ސަރުކާރެއް ކަމަށް ބުނެވިދާނެ އެވެ.
ހިސާބު އަދަދުތަކުން ކިޔައިދޭނަމަ، އިންތިގާލީ މަރުހަލާގެ ތެރޭގައި ސިޔާސީ މަގާމުތައް 200 އަށް ވުރެ ގިނަ ނުވާނެ ކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު ފެނުނީ ސިޔާސީ މަގާމުތައް ހާހުން މަތީގައި އުޅުނު ތަނެވެ. މި ސަރުކާރުން ބުނަނީ އެ އަދަދު 700 އިން މަތި ނުވާނެ ކަމަށެވެ.
އެހެންނަމަވެސް މިއަދާ ހަމައަށް ހަމައެކަނި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓްރީތަކުގައި ނައިބުންގެ ގޮތުގައި ވެސް މަދުވެގެން 305 މީހުން އެބަ ތިއްބެވެ.
އެ މީހުންގެ މުސާރައަށް މަހެއްގެ މައްޗަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ.
އެއީ އަހަރަކު 156 މިލިއަން ރުފިޔާ އެވެ. ފަސް އަހަރަށް ބަލާއިރު 780 މިލިއަން ރުފިޔާ އެވެ.
މިއީ ހަމައެކަނި ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި ތިބި މިނިސްޓަރުންނަށް ހަރަދުވާ ވަރެވެ. މީގެ ތެރެއަށް ސަރުކާރު ކުންފުނިތަކުގެ އެމްޑީންނާއި ޕޮލިޓިކަލް ޑިރެކްޓަރުންނަށް ލާފައި ތިބި މީހުންގެ މުސާރަތައް އެއްކޮށްލައިފިނަމަ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފަސް އަހަރުގެ ތެރޭގައި ހަރަދުވާނެ އެވެ.
މިއީ މަދު އަދަދެއްގެ ފައިސާއެއް ނޫނެވެ. ސަރުކާރުގެ މަތިބަރޭ މި ބުނަނީ މިހެންވެ އެވެ.