July 5, 2026
Advertisement
ޑީބީއެމްގެ ޗެއަރމަން ވެސް ބޭންކުގެ މަސައްކަތް ނުފެށެނީސް އިސްތިއުފާ ދީފި
ޑީބީއެމްގެ ޗެއަރމަން ވެސް ބޭންކުގެ މަސައްކަތް ނުފެށެނީސް އިސްތިއުފާ ދީފި / ރައީސް އޮފީސް

ޑީބީއެމްގެ ޗެއަރމަން ވެސް ބޭންކުގެ މަސައްކަތް ނުފެށެނީސް އިސްތިއުފާ ދީފި

Jul 5, 2026, 05:44 PM
މާލެ ސިޓީ

ޑިވެލޮޕްމަންޓު ބޭންކު (ޑީބީއެމް)ގެ ޗެއަރމަން ވެސް ބޭންކުގެ މަސައްކަތް ނުފެށެނީސް އިސްތިއުފާ ދީފިއެވެ.

Advertisement

އުމްރާނީ ދާއިރާއާއި އިންވެސްޓުކުރުމަށް ޚާއްސަކޮށް ކަމަށް ބުނެ މި ސަރުކާރުން އުފައްދައި، މިހާތަނަށް ޚިދުމަތް ދޭން ފެށިފައިނުވާ ޑީބީއެްގެ ޗެއަރ އަރޫނީ ގޫނަތިލަކަ އިސްތިއުފާދެއްވިކަން ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އާ ހަވާލާ ދެއްވައި، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

މާލީ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަރޫނީ ގޫނަތިލަކަ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ނަމަވެސް މި ސަރުކާރުން ހާމަކޮށްފައިނުވެއެވެ. 

ބައިނަލްއަޤްވާމީ ފައިނޭންޝަލް މާކެޓްގެ ފައިނޭންޝަލް ސާވިސް ތަޖުރިބާކާރު، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަރޫނީ އިސްތިއުފާ ދެއްވި އިރު، ޑީބީއެމްގެ ސީއީއޯކަމަށް އައްޔަންކުރެއްވި، އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވެސް ވަނީ މަގާމަށް އައްޔަންކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ އެ މަގާމުން އިސްތިއުފާދީފައެވެ. އޭނާ އިސްތިއުފާ ދެއްވި ނޯޓިސް މުއްދަތުގެ މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭޕްރީލް ހަތް ވަނަ ދުވަހު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވެއެވެ.

ސީއީއޯގެ އިސްތިއުފާއަށް މާގިނަ ދުވަހެއް ނުވެ އެ ބޭންކުގެ ބޯޑު މެމްބަރު  މއ. ވޭސައިޑް, 805 ފްލެޓް، އަޙްމަދު ޢަލީ، ވެސް އިސްތިއުފާ ދެއްވައިފައިވެއެވެ.

ޑީބީއެމްއަށް ފުރަތަމަ އަހަރު 2.3 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓަކުން ވަނީ ދައްކާފައެވެ. ޑިވެލޮޕްމަންޓު ބޭންކު އިފުތިތާހުކުރީ ނޮވެންބަރު 16، 2024 ގައެވެ.

ޑީބީއެމް އުފެއްދިތާ އަހަރެއްހާ ދުވަސްފަހުން އެ ބޭންކަށް ވިޔަފާރި ފެށުމުގެ ހުއްދަ ދިނީ މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. ނަމަވެސް އެ ފަހުން ވެސް އެ ބޭންކުގެ ޚިދުމަތްތައް އަދިވެސް ފެށިފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved