
އިންޑިއާގެ ރާޖަސްތާނުގެ ސްރީ ގަންގަނަގަރުގައި، އުމުރުން 13 އަހަރުގެ ސްކޫލް ކުއްޖަކު ވަގަށް ނަގައި، ވިއްކާލުމަށްފަހު 32 ފިރިހެނުން ވެގެން އެ ކުއްޖާ ގޭންގް ރޭޕްކުރި ބިރުވެރި ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގައި އެ ކުއްޖާ ފަސް ދުވަސް ވަންދެން އެކި ހޮޓާތަކުގައި އަޅުވެތިކޮށް، ބަނގުރާ ބޯން މަޖުބޫރުކޮށް، ކޮންމެ ދުވަހަކު ގްރޫޕްތަކަކަށް ބެހިގެން އެ ކުއްޖާއަށް ވަނީ ޖިންސީ އަނިޔާކޮށްފައެވެ. ބައެއް ފަހަރު އެއްފަހަރާ ހަ ފިރިހެނުން ވެގެން ވެސް އަނިޔާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ބިރުވެރިކަމުން އެ ކުއްޖާ ސަލާމަތްވީ، ފުލުހުން ހިންގި ޚާއްޞަ ރޭޑެއްގައި އެ ކުއްޖާ ދިރިހުއްޓާ ފެނުމުންނެވެ.
މި ރަހުމުކުޑަ އަމަލާ ގުޅިގެން އެ ސަރަހައްދުގެ ރައްޔިތުން ވަނީ ކަންކަން އަމިއްލަ އަތަށް ނަގާފައެވެ. ރައްޔިތުން ނުކުމެ މި ޖަރީމާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ 18 މީހަކު އަތުލައިގަނެ، ބަނދެ، މަގުމަތީގައި އާންމުންނަށް ފެންނަހެން ހިންގުވާ، ފަހުން ފުލުހުންނާ ހަވާލުކޮށްފައެވެ.
ރާޖަސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިކަމުގައި ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން، މި އަމަލު ހިންގި ހަތަރު ހޮޓަލެއް ބުލްޑޯޒަރު ބޭނުންކޮށްގެން މިހާރު ވަނީ ތަޅާލާފައެވެ.
މި ހާދިސާއާ ގުޅިގެން މުޅި އިންޑިއާގައި ބޮޑު ސިހުމެއް އުފެދިފައިވަނީ، ކުޑަކުއްޖަކަށް ދިން ބޮޑު އަނިޔާގެ ސަބަބުން އެކަންޏެއް ނޫނެވެ. އެ ގައުމުގެ ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމު މިފަދަ ކަންކަމުގައި ނާކާމިޔާބުވެފައިވާ މިންވަރު ހާމަވުމުން، ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.










