
ޑޮލަރުން ލިބޭ ކަމަށް ސަރުކާރުން ބުނަމުންދާ ރެކޯޑު އާމްދަނީއަށް ވަމުންދާ ގޮތަކާ މެދު އުފެދޭ ކަމަށް މާލީ ތަޖުރިބާކާރު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވަނީ، ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނައިން ބޭރު ފައިސާ ނުވަތަ ޑޮލަރުގެ އާމްދަނީ ލިބެމުންދަނީ މިހާރުގެ ސަރުކާރަށް ކަމަށްވާއިރު ވެސް، ބޭންކު ކާޑުތަކުގެ ލިމިޓުގެ ދަތިކަމާއި، މުދާ އިމްޕޯޓް ކުރުމުގައި ހުރި ހުރަސްތަކުގެ އިތުރުން ޑޮލަރު ކޮންޓްރޯލް ކުރަންޖެހުން ފަދަ އިގުތިސާދީ ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް ނުލިބި ދިގުލައިގެންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިހާރު މައިގަނޑު ގޮތެއްގައި އުފެދެނީ ދައުލަތަށް ބޭރު ފައިސާ ލިބޭތޯ ނުވަތަ ނޫންތޯއާ މެދު އުފެދޭ ސުވާލެއް ނޫން ކަމަށާއި، ނަމަވެސް އެ ލިބޭ ރެކޯޑު އާމްދަނީއަށް ވަމުންދާ ގޮތަކާ މެދު އުފެދޭ ސުވާލުތައް ކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ، އާންމުންނަށް ބޭންކު ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ނުލިބުމަކީ ލިބޭ އާމްދަނީ މެނޭޖުކުރުމުގެ ހަރުދަނާކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، މީރާގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަސް އަހަރުގެ ދައުރުގައި ޖުމްލަ 3,078.68 މިލިއަން ޑޮލަރު (އަހަރަކު އެވްރެޖްކޮށް 513.11 މިލިއަން ޑޮލަރު) ލިބިފައި ވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގައި ލިބިފައި ވަނީ ޖުމްލަ 3,421.94 މިލިއަން ޑޮލަރު (އަހަރަކު އެވްރެޖްކޮށް 684.39 މިލިއަން ޑޮލަރު) އެވެ.ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެކަނި ވެސް ޖުމްލަ 2,557.88 މިލިއަން ޑޮލަރު ލިބިފައި ވާއިރު، މިއީ އަހަރަކަށް ބަލާނަމަ އެވްރެޖްކޮށް 1,278.94 މިލިއަން ޑޮލަރެވެ.
މިއީ ކުރީގެ ސަރުކާރުތަކުގެ އަހަރީ އެވްރެޖާ އަޅާ ބަލާއިރު ދެގުނައާ ގާތްކުރާ ބޮޑު އިތުރުވުމެކެވެ.










