
ފެންނަމުން ދަނީ ނުރައްކާތއެި ބައްޔެއް ފެތުރެމުންދާއިރުވެސް ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ފަރުވާކުޑަކުރަމުންދާ މަންޒަރު ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ރާއްޖެއިން ކުރިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ހިމަބިހި (މީސްލްސް) އަލުން ފެތުރެން ފަށައި އެތައް ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވަމުންދާ ދަނޑިވަޅެއްގައި ވެސް މާލޭގައި މަގުމަތީ ބާޒާރާއި ކާނިވަލްތައް ބާއްވަމުން ގެންދާތީ މަލީހު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މަލީހު ވިދާޅުވީ އެފަދަ ތަންތަން ކުރިއަށް ގެންދިއުމަށް ހުއްދަ ދިނުމަކީ ވެސް ޒިންމާދާރުކަން ކުޑަކަމުގެ ދަލީލެއް ކަމަށެވެ. އަދި އެފަދަ ކަމަކަށް ހުއްދަދީ ކުރިއަށް ގެންދާއިރު، އެޗްޕީއޭއާ ހެލްތު މިނިސްޓްރީވެސް ކޮބައިކަމާމެދު ސުވާލު އުފައްދަވާ މަލީހު ވަނީ ނުރައްތެރި ބައްޔެއް މުޅި ގައުމުގައި ޚާއްސަކޮށް ވެރިރަށް މާލޭގައި ފެތުރެމުންދާއިރުވެސް މުއައްސަސާތަކުން ފަރުވާ ކުޑަކުރާ މަންޒަރު ކަމަށެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ހިމިބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިދިޔަ ހަފުތާއަށް ވުރެ މި ހަފުތާގައި ގާތްގަނޑަކަށް ދެ ގުނަ އިތުރުވެ، 121 އަށް ވަނީ އަރާފަ އެވެ. އެޗްޕީއޭއިން މިދިޔަ ހަފުތާ ނިމުނުއިރު ހިއްސާކުރި ތަފާސްހިސާބުތަކުގައި ވަނީ އެ މަސް ނިމުނުއިރު އެ ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 66 އެވެ.
ހަލުވިކަމާއެކު ހިމަބިހި ފެތުރެމުން އަންނައިރު މާލޭ ރަސްފަންނު ސަރަހައްދުގައި މަގުމަތީ ބާޒާރެއް ބާއްވަމުން އަންނަތާ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ. އެ ސަރަހައްދަށް ކޮންމެ ރެޔަކު ވެސް އެތައް ބަޔަކު ޖަމާވެ އެވެ.މިިދިޔަ ހަފްތާ ބަންދުގެ ތެރޭގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޮޑު އެކްސްޕޯއެއް ވެސް ކުރިއަށްގެންދިޔަ އެވެ. ޔޫތު ހަބުގައި ގޭމިން ކާނިވަލެއް ވެސް އޮންނާނެކަން ޔޫތު މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. އަދި މިއީ ވޯލްޑް ކަޕް ދުވަސްވަރަށް ވުމާއެކު ކޮންމެ ރެޔަކު މެޗުތައް ބެލުމަށް އެތައް ބަޔަކު މާލޭގެ އެކި ސަރަހައްދުތަކަށް ޖަމާވެއެވެ.










