July 21, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޕީސީބީން ހޭލީ މުވައްޒަފުން ކަނޑާލަން ބޭނުންވުމުންތޯ؟: ޑރ ޖަމީލް

Aiminath Sarah
އައިމިނަތް ސާރާ
Jul 19, 2026, 12:59 PM
މާލެ ސިޓީ

ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) 33 އިންސައްތަ މުވައްޒަފުން މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެންގުމާ ގުޅިގެން، ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުވާލު އުފައްދަވާފައިވަނީ، މިހާރު ކުއްލިއަކަށް އާކަމެއް ހިނގީތޯ ނުވަތަ ޕީސީބީއަށް ނިދިން ހޭލެވުނީތޯއެވެ. އަދި ސަރުކާރުން މުވައްޒަފުން ކަނޑާލަން ބޭނުންވުމުން، އުސޫލުތަކުގެ ވާހަކަ މިއަދު ދައްކަނީ ރައްޔިތުންނަށް ހެޔޮކަމެއް ކޮށްދޭކަން ދެއްކުމަށްތޯވެސް ޖަމީލް ވަނީ ސުވާލުކުރައްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ވޭތުވެދިޔަ ދުވަސްތަކުގައި "ތަބަކަށް ލައިގެން" ވަޒީފާ ބަހަމުން ދިޔައިރު، ޕީސީބީން ބަސްބުނަން ނުކެރުނީ ވަޒީފާގެ ބިރުންތޯ ޖަމީލް ސުވާލު އުފެއްދެވިއެވެ. އަދި ގައުމުގެ އިގްތިސާދު ނޭވާނުލެވޭ ހިސާބަށް ދިޔައިރު، ޕީސީބީން އެ ބޭފުޅުންގެ ޒިންމާ އަދާނުކޮށް ތިބީ ކީއްވެތޯވެސް ޖަމީލްގެ ޕޯސްޓްގައި އެއްސެވިއެވެ.

މީގެ އިތުރުން، ކޮންމެ އިންތިޚާބަކާ ދިމާކޮށް ސަރުކާރުން އެތަކެއް ވަޒީފާއެއް ބަހަމުން ދިޔައިރު ޕީސީބީ ކޮބައިތޯއާއި، މިއަދު އެ ބޯޑުން ކުރަމުންދަނީ ރައީސް މުއިއްޒު ބޭނުންވާ މިންވަރަށް ބޭނުންވާ ކަންތައްތައް ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ. ޕީސީބީގެ އެއްވެސް ނަޒާހަތްތެރިކަމެއް އޮތް ކަމަށް ރައްޔިތުން ގަބޫލުނުކުރާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ޕީސީބީން ވަނީ ކޮންމެ ހަފުތާއަކު މަދުކުރާ މުވައްޒަފުންގެ އަދަދު އެ ބޯޑަށް ފޮނުވުމަށް ކުންފުނިތަކަށް އަންގާފައެވެ. މި ނިންމުމަކީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved