July 21, 2026
Advertisement
-
- / ތޭރަ އޮންލައިން

ނޭދެވޭ ގުޅުމެއްގެ ތުހުމަތުގައި ސިންގަޕޫރު ވަޒީރަކު އިސްތިއުފާ ދެއްވުމުން ޑރ. ޖަމީލްގެ ފާޑުކިޔުން

Aiminath Sarah
އައިމިނަތް ސާރާ
Jul 20, 2026, 08:52 PM
މާލެ ސިޓީ

އަންހެނަކާ އެކު ބޭއްވި ނޭދެވޭ ގުޅުންތަކެއްގެ މައްސަލަ ފަޅާ އަރައި، ސިންގަޕޫރުގެ މުސްލިމް ކަންތައްތަކާ ބެހޭ ވަޒީރު އަދި ހޯމް އެފެއާޒް މިނިސްޓްރީގެ ސީނިއާ މިނިސްޓަރު އޮފް ސްޓޭޓް މުހައްމަދު ފައިޝަލް އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރާއްޖޭގެ ކުރީގެ  އަދި ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދިވެހި ސަރުކާރަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ސިންގަޕޫރުގެ ބޮޑުވަޒީރާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްތިއުފާ ދެއްވި ވަޒީރާއި އެ އަންހެން މީހާއާ ދެމެދު ގިނަ އަދަދަކަށް މެސެޖުތައް ބަދަލުކޮށްފައިވާކަން އެނގިފައިވާ އިރު، އާންމު ބައެއް ބައްދަލުވުންތަކުން ވެސް އެ ދެމީހުން ބައްދަލުވެފައިވާކަން ވަނީ ހާމަވެފައެވެ. މި ހާދިސާއާ ގުޅިގެން އެ ގައުމުގެ ސަރުކާރުން ވަނީ އެއީ ގަބޫލުކުރެވޭނެ އަމަލެއް ނޫންކަން ހާމަކޮށްފައެވެ.

މި ކަމާ ގުޅިގެން ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަރުދަނާ ޑިމޮކްރަސީތަކުގައި މިފަދަ ތުހުމަތުތައް ކުރިމަތިވުމުން، ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކެއް އޮންނަ ކަމަށެވެ. މިއީ ޑިމޮކްރަސީތަކުގައި މިފަދަ ތުހުމަތުތައް އަމާޒުވުމުން ޕަބްލިކް އޮފީސް ހޯލްޑުކުރާ ފަރާތްތަކުން އަމަލުކުރަން އޮންނަ ރީތި ގޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، އެފަދަ ތުހުމަތުތަކުގެ ވާހަކަ ދައްކާ ފަރާތްތަކަށް ބިރުދައްކައި، އެމީހުންގެ ފަހަތުން ދުވެ ކޯޓު އަމުރުތައް ހޯދުމުގެ ބަދަލުގައި، ރައްޔިތުންގެ އިތުބާރު ގެއްލި، މަގާމުގެ ހައިބަތަށް އުނިކަން އަތުވެއްޖެ ކަމަށް ގަބޫލުކޮށް، އަމިއްލައަށް އިސްތިއުފާ ދިނުމަކީ އެންމެ ރިތި ގޮތް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އިތުރަށް ޑރ. ޖަމީލް ވިދާޅުވީ، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ބަދަލުގައި، ޙުދޫދު ފަހަނަޅައި ދެވިއްޖެ ކަމަށް ގަބޫލުކޮށް ޒިންމާދާރުކަމާއެކު މަގާމުން ދުރުވުން ނޫން އިތުރު ގޮތެއް އެފަދަ ހާލަތްތަކުގައި އޮވެގެން ނުވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved