ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދޯދިޔާވެގެން ދަނީ އެ ސަރުކާރު ގެނައުމަށް އެންމެ ބޮޑު ގުރުބާނީ ވެވަޑައިގެންނެވި، ރައީސް އަބްދުﷲ ޔާމީންގެ ލަފަޔާ އިރުޝާދު ނުހޯދާތީ ކަމަށް ތުލުސްދޫ ދާއިރާއަސް ޕީއެންއެފްގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލިހަށް ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދުޝާމިލު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝާމިލު މިފަދައިން ވިދާޅުވީ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ދަ ފްރޮންޓު އޮފީހުގައި ބާއްވަމުންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ވާހަކަ ދައްކަަވުންނެވެ.
ޝާމިލު ވިދާޅުވީ، ރައީސް މުއިއްޒުއަށް ގައުމުގެ ކަންކަން ހަމަ މަގަށް ނޭޅުވި އިންޑިއާ އަތްދަށު ގައުމު އަނެއްކާވެސް ވެގެންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އެގޮތުން އިންޑިއާ އައުޓު ގޮވައިގެން ވެރިކަމަށް އައުމަށް ފަހު އޭގެ ވާހަކައެއްވެސް ދައްކާ މަންޒަރު ނުފެންނަ ކަމަށާ ގަރާރާ އެއްޗެއްހި ބާތިލުކުރަންވެސް ނުކެރިގެން އުޅޭތަން ފެންނަ ކަމަށް ޝާމިލު ވިދާޅުވިއެވެ.
އިންޑިއާ އައުޓު ގޮވި ބޭފުޅުން މިއަދު ސަރުކާރުގައި ތިބީ. ނަމަވެސް ގަރާރުވެސް ބާތިލުކުރަން ނުކެރޭ، މަދަނީ ކޯޓުގައި އޮތް މައްސަލަވެސް ނިންމަން އަވަސްކުރަންވެސް ބުނެލަން ނުކެރޭ. އަޅުގަޑު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުގެ ވެރިން ކިބައިގައި އެ ގާބިލުކަމެއް ނެތް. އަދި މިއަދު މިހުރިހާކަމެއް ވެގެން މިދަނީ ރައީސް ޔާމީންގެ ސޭ މި ސަރުކާރުގައި ނެތުމުން.
ޝާމިލު ވިދާޅުވީ އެހެންކަމުން ގައުމުގެ ކަންކަން ހަމަމަގަށް އަޅުވަން މަޖިލީހުގައި ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ފުރުސަތު ދިިނުމަކީ ވަރަށް ވެސް މުހިއްމުކަމެއް ކަމަށެވެ.
ޝާމިލު މިފަދައިން ވިދާޅުވެފައިވައިރު ސަރުކާރު ގެނައުމަށް މަސައްކަތްކުރި ގިނ ބަޔަކުވަނީ ސަރުކާރުން އަމަލުތައް ބަހައްޓަމުންދާ ގޮތާ މެދު ހިތްހަމަ ނުޖެހި ނުރުހުން ފާޅުކުރަމުންކަން ފާހަގަކޮށްލެވެއެވެ. ރައީސް މުއިއްޒު އިންތިހާބުގެ ދުވަސްވަރުވެސް އަދި ހޮވިވަޑައިގެންވެސް ވިދާޅުވެފައިވަނީ ސަރުކާރު ހިންގުމުގައި ރައީސް ޔާމީންގެ ލަފާފުޅަކި ވަރަށް މުހިއްމު އެއްޗަކަށްވާނެ ކަމަށާ އެއީ އެމަނިކުފާނަކީ ތަޖުރިބާ ހުރި ބޭފުޅަކަށް ވުމުން ކަމަށެވެ.