ކުރީގެ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ކުންފުނީގެ މެނޭޖުމަންޓުން އެ ކުންފުންޏަށް ގެއްލުންވާ ގޮތަށް ހަވާލުކޮށްފައިވާ 25 ޕްރޮޖެކްޓެއްގެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މިކަން ހިއްސާކޮށް މިހާރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޕްރޮޖެކްޓުތަކަކީ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާ ގޮތަށް، ބީއޯކިއުއެއް އަދި މާކެޓުގައި މި މަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކެއް ކަމަށެވެ.
އެގޮތުން މިގޮތަށް މަގާމުގެ ފައިދާ ނަގައިގެން މިފަދަ 60 ޕްރޮޖެކްޓެއް ދީފައިވާ ކަމަށާއި އޭގެ ތެރެއިން 25 ޕްރޮޖެކްޓެއްގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޕްރޮޖެކްޓްތަކުން ފެނަކައަށް ވަނީ އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް ވެސް އެމްޑީ މުއާޒު ވިދާޅުވެފައިވެއެވެ.
އޭސީސީއަށް ހުށަހެޅި ޕްރޮޖެކްޓުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިންޖީނުގެއާ ކުރުމާއި ރީ-ލޮކޭޓުކުރުމާއި ފެނަކަ އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއުތަކެވެ.
މުއާޒް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މީގެ ގިނަ މަޝްރޫއުތަކަށް ފައިސާ ނުދެވި މަސައްކަތް ވަނީ ހުއްޓިފައެވެ. އެ މަޝްރޫއުތަކަށް އެކަނި އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މި ކަމުގައި ބޮޑު ހިޔާނާތެއް އެކުލެވޭ ކަމަށް ވެސް އޭރު އޭނާ ތުހުމަތު ކުރައްވާފައިވެއެވެ.