ރައީސް އަބްދުﷲ ޔާމީންއަށް އިންސާފު ހޯދަން ޖުޑީޝިއަރީގައި ޓަކި ޖަހާ ޖަހާ ވަރުބަލިވިއިރުވެސް ހިލަމެއް ނުވިކަމަށް އެމަނިކުފާނު އަލަަށް އުފައްދަވާ ސިޔާސީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ ވ. އާރަށު މައްސަލައިގެ ހުކުމުގެ އިސްތިއުނާފްގެ މައްސަލަ ނުނިންމާ ދިގު ދަންމަމުން ދާތީ އެކަމުގެ ކަންބޮޑުވުންތަކާ އެކު އާއިލާއާ އަދި ސަޕޯޓަރުން ޖަނަވަރި މަހުގެ 10 ވަނަ ދުވަހު ކޯޓަށް ދިއުމަށް ފަހު މީޑިޔާތަކަށް ދެއްވި އިންޓަރވިއުގައެވެ.
މަލީހު ވިދާޅުވީ، ރައީސް ޔާމީން ރައީސް ޔާމީންގެ މައްސަލަ މިހާރު ގޮސްފައި އޮތް ހިސާބުން އެމަނިކުފާނަށް އިންސާފު ހޯދައިދޭން ދާންވީ ދިމާއެއް ނޭނގި ގޮތް ހުސްވެއްޖެ ކަމަށާ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑިޝީއަރީ މިނިވަންވެއްޖެ ކަމަށް ވިދާޅުވި ނަމަވެސް ދޮރުތައް އަދިވެސް ހުރީ ނުފޫޒުގެ ތަޅުތަކުން ތަޅުލާފައިކަމަށް މަލީހު ވިދާޅުވިއެވެ.
ކޮންމެ ދުވަހަކުވެސް ކޯޓަށް އައުމުގެ ވިސްނުން އެބަހުރި. އެއީ އަޅުގަޑުމެން ގަބޫލުކުރާ ގޮތުގައި މިހާރު މައްސަލަ ގޮސްފައި އޮތް ހިސާބަށް ބަލާއިރު ކޮން ދިމާއަކަށް ކޮން ދޮރަކާ ހަމައަށްތޯ ރައީސް ޔާމީނަށް އިންސާފު ހޯދަން ދާންޖެހެނީ ނޭނގޭ. ޖުޑީޝީއަރީގެ ދޮރުގައި އަޅުގަޑުމެން ޓަކި ޖަހާ ޖަހާ ވަރުވަލިވެއްޖެ.
މަލީހު އިތުރަށް ވިދާޅުވި، ރައީސް ޔާމީން މިނިވަންނުކޮށް ދިގު ދަންމަމުން ދަނީ ކުރިއަށް ހުރި މުހިއްމު އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ކަމަށާ އެމަނިކުފާނު މިިނިވަންކޮށްފި ނަމަ އިންތިހާބުތަކުގައި އެމަނިކުފާނުގެ ފިކުރު ބޮޑުތަނުން ކުރި ހޯދާނެކަމުގެ ޔަގީންކަން ސަރުކާރާ އަދި އެހެން ފަރާތްތަކަށްވެސް އޮތުމުން ކަމަށެވެ.
ރައީސް ޔާމީންގެ ހުކުމުގެ އަޑު އެހުން ތާވަލްނުކޮށް ލަސްކުރަމުންދާއިރު މީގެ ކުރިން ވެސް އެކަން ސާފުކުރަން ހައި ކޯޓަށް ރައީސް ޔާމީންގެ ޓީމުން ގޮސްފައި ވެއެވެ. އެއިން ކޮންމެ ފަހަރަކު ވެސް ހައި ކޯޓުން ދޭ ޖަވަބަކީ ވީހާ ވެސް އަވަހަށް ހުކުމް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ހުކުމާ ހަމައަށް ވާސިލްވެ 2 މަސް ދުވަސް ފައިތުވާން ކައިރިވެފައިވާއިރު ހުކުމުގެ މަޖިލިސް ތާވަލްނުކުރުމަކީ އެއީ ގާނޫނީ ގޮތުން ދެރަވަރު ކަމެއްގެ ގޮތުގައި ގާނޫނީ ފަންނުގެ ގިނަ ބޭފުޅުން ފާހަގަކުރައްވައެވެ.