ސުޓެލްސޯ / ސޯޝަލް މީޑިއާ
ހަބަރު, ސިޔާސީ
ކެމްޕެއިން ކުރުމުގެ ބޭނުމުގައި ދަނީ ތަކެއްޗަށް ގެއްލުން ދެމުން، ދައުވާ ކުރާނަން: ސްޓެލްކޯ
Mariyam Isaadha
މަރިޔަމް އިސާދާ
24 މާރިޗު 2024
މާލެ ސިޓީ

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ކޭބަލަށް ދަގަނޑު ޖަހައިގެން ލިބޭ ގެއްލުމަށް ދައުވާކުރާނެ ކަމުގެ އިންޒާރު ސްޓެލްކޯއިންދީފިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރުމަށް މާލެ، ހުޅުމާލޭގެ އެކި ސަރަހައްދުގައި ކެމްޕެއިން ޕޯސްޓަރުތައް ވަނީ ޖާހަފައެވެ.

ދަގަނޑު ބޭނުންކޮށްގެން ބައެއް ބެނާރތައް ހަރު ކުރުމުގެ ސަބަބުން ކަރަންޓު ކޭބަލްތަކަށް ގެއްލުން ލިބޭތީ އެކަމަށް ސަމާލުވުމަށް އެދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ބަޔާނެއް އާންމުކޮށްފައެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކުންފުނިން މާލެ އާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ގާއިމްކޮށްފައިވާ ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑުގައި ހިމެނޭ 132 ކޭވީ ކޭބަލްތަކުގެ މައްޗަށް އެކި ހަރަކާތްތައް ބޭއްވުމަށާއި، އެކި ކަހަލަ ޕޯސްޓަރުތަކާއި އިސްތިހާރުތައް ޖެހުމަށްޓަކައި ދަނގަޑުފަދަ ތަކެތި ޖަހަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ދައުލަތުން ހަރަދުކޮށް، ހަތް ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް އަޅާފައިވާ އެ ވިއުގަ އަކީ 200 މެގަވޮޓާއި ހަމައަށް ކަރަންޓު އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ގެންދިއުމުގެ ގަބިލްކަން ލިބިފައިވާ ވިއުގައެކެވެ. އެއީ މިވަގުތު ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގައެވެ.

މާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ ކޭބާލް ސަބްސްޓޭޝަނުން ނިކުންނަ، އެ ވިއުގާ ގައި ހިމެނޭ ކޭބަލްތައް އަޅާފައިވަނީ އުސްފަސްގަނޑު ސަރަހައްދުން ގޮސް ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް، ހުޅުމާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ 132 ކޭވީ ސަބްސްޓޭޝަނާ ހަމަޔަށެވެ.


މީގެއިތުރުން ސްޓެލްކޯއިން ބުނެފައި ވަނީ މިއީ އެނަޖައިޒްކޮށްފައިވާ ވިއުގައަކަށްވުމުން، އޭގައި ހިމެނޭ ކޭބަލްއަކަށް ދަނގަޑުފަދަ ތަކެތިން ގެއްލުމެއް ލިބޭ ހާލަތެއްގައި އެ ދަނގަޑު ޖަހާ މީހެއްގެ ފުރާނައަށް ވެސް ގެއްލުމެއް ލިބިދާނެ ކަމަށެވެ. ސްޓެލްކޯއިން ބުނެފައި ވަނީ ވިއުގައަށް ގެއްލުމެއް ލިބިއްޖެ ނަމަ މާލެ ސަރަޙައްދަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތައް ބުރޫއަރައި، އެ ހިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ މި މައުލޫމާތުތައް ކަމާއި ބެހޭ ފަރާތްތަކާއި ވެސް ހިއްސާކޮށްފައިވާކަމަށާއި، މިކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ފަރާތްތަކާއި، މަގު ކޮނެ، އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަ ދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ، އިތުރަށް ސަމާލުކަން ދޭން އެދޭ ކަމަށެވެ. އަދި ކަރަންޓުގެ ހިދުމަތަށް ބުރޫ ނާރާނެހެން ފިޔަވަޅު އެޅުމަށް ވެސް އެދޭކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved