ހުޅުމާލޭ ދެވަނަ ފޭސްގައި ފުލުހަކު އަންހެން ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ އެއް ހޫނުވެއްޖެއެވެ.
އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ފުލުހުން އަނިޔާކޮށްފައިވާ ބުނެ އެ ކުއްޖާގެ އާއިލާއިން ވަނީ ހުޅުމާލޭ ފުލުސް އޮފީސް ދޮށަށް ވެސް އެއްވެފައިކަމަށް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވެނަލް13އަށް މައުލޫމާތު ދިފައިވާ ގޮތުގައި އެފަދަ ކަމެއް ހިނގާފައިނުވާނެ ކަމަށާ ގަސްދުގައި އެއްވެސް މީހަކަށް ފުލުހުން އަނިޔާނުކުރާނެ ކަމަށެވެ. އަދި އެކަމެއް ހިނގާ ގޮސްފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ފުލުހުން ގައިމުކޮށްފައި ހުރި ވެހިކަލް ޗެކް ޕޮއިންޓަކަށް އަރާ ހަމަވުމުން ސައިކަލް އެކްސަލެރޭޓުކޮށް ޗެކް ޕޮއިންޓުގެ ފަހަތުގައި ތިބި ފުލުހުން ގައިން ނައްޓާ ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައިވެއްޓިގެން ހާދިސާއެއް ހިނގާފައިވާ ކަމަށާ ސައިކަލް ދުއްވަން އިނީ ލައިސަންސް ނެތް މީހެއް ކަމަށެވެ.
އަނިޔާވި ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާވެސް ދިފައިވާކަން ފުލުހުން ހާމަކޮށްފައިވެއެވެ.
ނަމަވެސް މިކަން ހިނގި ވަގުތު މަންޒަރު ދުށް މީހަކު ކިޔައިދީފައިވާ ގޮތުގައި ސައިކަލު ޗެކް ޕޮއިންޓަށް މަޑުނުކޮށް ދާން ފެށުމުން ޖެހިގެން އިން ޕޯސްޓަށް މަޑުކުރުވާ، ސައިކަލު ފަހަތުގައި އިން 17 އަހަރުގެ އަންހެން ކުއްޖާ ގައިގައި ފުލުސް މީހާ ޖެހި ބާރުމިނާ އެކު އެ ކުއްޖާ އަށް ހިނގާ ވެސް ނުލެވިފައި އޮތް ކަމަށެވެ. ސައިކަލް ދުއްވަން އިނީ ފިރިހެން ކުއްޖެއްކަމަށް ވެސް އެމީހާ މައުލޫމާތު ދިފައިވެއެވެ.
ސައިކަލު މަޑުކުރުވި ސަރަހައްދުގައި ހުރި ވީޑިއޯ ފުޓޭޖްތައް ފުލުހުން ޑިލީޓްކޮށްފައިވާ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުން އަތުގައި ފުޓޭޖު އެބަހުއްޓެވެ.