

އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުގައި ހުރި ގައިދީއެއް ހާލަތު ގޯސްވެގެން އަވަސް ފަރުވާއަށް އައިޖީއެމްއެޗްއަށް ގެނެސްފައިވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
މިގޮތުން ނަންބަރު ގޮޅީގައި ހުރި ގ. ޒާމިއާ / މާލެ، އަޙްމަދު އަފްރާޙް (48އ) ގެ ހާލަތު 2025 އޯގަސްޓް 17 ވަނަ ދުވަހުގެ ފަތިހު 05:50 އެހައިކަންހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
އަޙްމަދު އަފްރާޙް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
އަޙްމަދު އަފްރާޙް ހައްޔަރު ކޮށްފައި ވަނީ 2025 އޮގަސްޓް 15 ވަނަ ދުވަހު އެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.