މާލޭ ސަރަހައްދުގައި ގާއިމުކުރާ ބައިނަލްއަގްވާމީ ޕޯޓު ދުބާއި ވޯލްޑަށް ވިއްކާލަން މި ސަރުކާރުން އުޅޭތީ އެކަމާ ރައީސް އަބްދުﷲ ޔާމީންގެ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.
ޕީއެންއެފްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބާއްވާ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ތިލަފުށީ ބަނދަރު ނުވަތަ ބިން ދުބާއީ ވޯލްޑަށް މި ސަރުކާރުން ވިއްކާލަން އުޅޭ ފަދަ މަންޒަރުތަކެއް ފެންނަމުން ދާ ކަމަށާ އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ ކިރިޔާ އިގްތިސޯދުގެ ކުޑަ މިންވަރެއް އެނގޭ މީހަކު ނަމަވެސް އެކަން އެ ގޮތަށް ނުކުރާނެ ކަމަށާ ދުބާއީ ވޯލްޑަށް މާލެ ޕޯޓު ވިއްކާލައިގެން ހިންގަން އުޅެނީ އިގްތިސޯދީ ބޮޑު ޖަރީމާ އެއް ކަމަށެވެ.
ރާއްޖެ އަކީ އެ ގައުމެއް ހުރަސް ހުރިހާ ދުނިޔޭގެ ވިޔަފާރިތައް ނުކުރެވޭނެ. ދުނިޔޭގެ ކާގޯ ޕޯޓުގެ ބޮޑު ބައެއް ދާނީ ރާއްޖެ ހުރަސްކޮށް. އަޅުގަޑުގެ ވެރިކަމުގައި ވެސް ތިލަފުށި ބިން ވިއްކަން ފުރުސަތު ލިބުނު. ނަމަވެސް އެކަން ނުކޮށް އޮތީ ރާއްޖެއަށް އެއަށް ވުރެ ބޮޑަށް ނަފާވޭ އަމިއްލައަށް އެކަން ކުރުމުން. މިހާރު މިއުޅެނީ ބޮޑު ޖަރީމާއެއް އިގްތިސޯދީ ގޮތުން ހިންގަން. އަޅުގަޑު އެކަން ނުކުރީ އެއީ ދިވެހިންނަށް ކުރެވޭނެ ކަމަކަށް ވެފައި އަދި އެކަން އެގޮތަށް ކޮށްފިނަމަ ރާއްޖޭގައި މުދަލުގެ އަގު އުފުލިގެން ދާނެތީ.
ރައީސް ޔާމީން ވިދާޅުވީ ދުބާއި ވޯލްޑަށް ބައިނަލްއަގްވާމީ ޕޯޓު ދިނުމަކީ ޖީއެމްއާރަށް އެއާޕޯޓު ދިނުން ފަދަ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ ކޮޗިންގައި މިހާރުވެސް ރާއްޖޭގެ ޕޯޓަށް ވުރެ ބޮޑު ޕޯޓެއް ދުބާއީ ވޯލްޑިއިން އަޅާފައި އެބައޮތް ކަމަށާ އެހެންކަމުން ރާއްޖޭގައި އެ ފުރުސަތު ދުބާއީ ވޯލްޑަށް ދީފިނަމަ ރާއްޖެ ވެގެން ދާނީ ކޮޗިންގައި އޮތް ޕޯޓުގެ ސެޓެލައިޓަކަށް ކަމަށްވުމުން އެމަނިކުފާނު އެ ފުރުސަތު އޭރު ނުދެއްވީ ކަމަށެވެ.