ނިމިދިޔަ ސަރުކާރުގައި އެންމެ ބޮޑަށް ކޮރަޕްޝަން ހިންގާފައިވާ ކަމަށްވާ އާރުޑީސީގެ ބައެއް މުވައްޒަފުންނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގާ ގުޅުން ހުރި މައްސަލައެއްގައި ސުވާލު ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
މި މައްސަލައިގައި ފައްޔާޒު ހާޒިރު ކުރަނީ އާރުޑީސީގެ ހިޔާނާތުގެ ފައިސާއިން އޭނާއަށް މާލީ މަންފާއެއް ލިބިފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށް ފުލުހުން ފޮނުވި ޗިޓުގައިވެއެވެ.
މިކަމާ ގުޅިގެން ފައްޔަޒު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާ ހާޒިރު ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ކަމަށެވެ.
އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫންކަމަށާ އޭނާއަށް ތުހުމަތެއް ކުރެވިދާނޭ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ބުނާ ކަމަށް ވެސް ފައްޔާޒު އެކސްގައި ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ފައްޔާޒު ހާމަކޮށްފައިވާ ގޮތުގައި އެ ތަހުގީގަކީ ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގެއް ކަމަށާ އެހެން އެކަން ވިޔަސް އެ ތަހުގީގަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެއީ ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުމުގެ ގޮތުގައި ސިފަކޮށް ފައްޔާޒުވަނީ އެކަން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލާފައެވެ.
އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ. އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން. އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ… pic.twitter.com/qDlicJ79pq
— Fayyaz Ismail (@faya_i) March 27, 2024
ފުލުހުންވަނީ ފައްޔާޒު މާދަމާ ހަވީރު 3 ޖަހާއިރު އެ އިދާރާ ހާޒިރުވާން ޗިޓު ފޮނުވާފައިވާނެ ކަން ޗެނަލް13އަށް ކަށަވަރުކޮށްދީފައެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރާކަން އާންމުކުރީ، މި މަހު 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިއީ އެ އިދާރާއިން 2022އިން ފެށިގެން ބަލަމުން އަންނަ މައްސަލައެއްކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބަލަމުން އަންނަނީ އާރުޑީސީގެ އެކައުންޓުގައި ހުރި ފައިސާ، އެތަނުގެ ސީނިއާ މަގާމެއްގައި ހުރި މުވައްޒަފައެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން، އެ ފައިސާ އެކި މީހުންނަށާއި ކުންފުނިތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލައެކެވެ.